22 Sep 2015, 11:53
ސަޢުދީ އަރަބިއްޔާގައި ތިބި އިންޑޮނޭޝިއާގެ ޑްރައިވަރުންނާއި ގޭގައި ގެންގުޅޭ މީހުން ހިމެނޭ ގޮތުން 700000 މަސައްކަތްތެރިން އަނބުރާ ގައުމަށް ގެންދިއުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އިންޑޮނީޝިއާގެ އޮފިޝަލަކު ވިދާޅުވި ކަމަށް އަލް ހަޔާތު ނޫހާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ އިންޑޮނޭޝިއާ މީހުން އަނބުރައި ގައުމަށް ދިއުމަށް އެގައުމުގެ ސަރުކާރުން ދީފައި ވަނީ 15 މަސްދުވަހުގެ މުހުލަތެއް ކަމަށެވެ. އަދި އެނިންމުމަކީ ބަދަލުވާނެ ނިންމުމެއް ނޫން ކަމަށް ވެސް ނޫހުގައި ވެއެވެ.
އިންޑޮނޭޝިއާ ސަރުކާރުން މިއަހަރުގެ މޭ މަހު އިއުލާންކޮށްފައިވާ ގޮތުގައި ގޭގޭގައި ގެންގުޅޭ މީހުންގެ ގޮތުގައި އެގައުމުގެ މީހުން މެދު އިރުމަތީގެ 21 ގައުމަކަށް ފޮނުވުން ހުއްޓައިލާނެއެވެ. އެގައުމުތަކުގެ ތެރޭގައި ސައުދީއަރަބިއްޔާއާއި ގަތަރާއި ބަހުރައިނާއި އުމާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ.
އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ވިޑޯޑޯ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފައި ވަނީ އެގައުމުގެ އަންހެނުން މަސައްކަތު މީހުންގެ ގޮތުގައި އެކްސްޕޯޓް ކުރުން ހުއްޓައިލަން ޖެހޭ ކަމަށެވެ.
" ގޭގޭގައި ގެންގުޅޭ މީހުންގެ ގޮތުގައި އިންޑޮނޭޝިއާގެ އަންހެނުން ބޭރު ގައުމުތަކަށް ދާ ދިއުން ވަގުތުން ހުއްޓައިލަން ޖެހޭ. އަހަރެމެންގެ ޝަރަފާކާއި އިއްޒަތެއް އޮންނަން ޖެހޭ،" އޭނާ ފެބްރުއަރީ މަހު ވިދާޅުވެފައި ވެއެވެ.
އިންޑޮނޭޝިއާއިން މިގޮތަށް ނިންމާފައި މިވަނީ ގަލްފުގެ ގައުމުތަކުގައި ގޭގޭގައި ގެންގުޅޭ މީހުންނަށް އަނިޔާ ކުރުމުގެ ގިނަ ހާދިސާތަކެއް ހިނގާފައި ވަނިކޮށެވެ.