މިދިޔަ ޓްރާންސްފާގެ ބާޒާރުގައި އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާ އަށް ގެނައި މިޑްފީލްޑަރު، ތުރުކީގެ އާދަ ތުރާން، ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިފި އެވެ.

ބާސާ އިން އާދަ ތުރާން އެ ޓީމްގައި ރަޖިސްޓްރީ ކުރުމަށް ހުށަހެޅީ މިދިޔަ ހަފުތާގައި ޗެމްޕިއަންސް ލީގްގައި އޭއެސް ރޯމާއާ ދެކޮޅާށް ކުޅުނު މެޗްގައި ލިބުނު އަނިޔާއާ ގުޅިގެން މުޅި ސީޒަންގައި ނުކުޅެވޭނެކަން ޔަގީންވެފައިވާ މިޑްފީލްޑަރު، ބާސާގެ ރަފޭލް އަލްކަންޓާރާ ޑޯ ނަސިމެންޓޯ (ރަފިއާނާ)ގެ ބަދަލުގަ އެވެ.

ބާސާ އިން ސްޕޭންގެ އެފްއޭ އަށް ހުށަހަޅާފައި ވަނީ ބާސާގެ ޓްރާންސްފާ ބޭންއާ އެއްގޮތަށް އެޓީމުން ކަންކަން ފުރިހަމަކޮށްފައިވާނެ ކަމަށާއި އެއީ އެންމެ ފަހުގެ ދެ ޓްރާންސްފާ ޕީރިއަޑުގައި ވެސް އެ ޓީމުގައި އެއްވެސް ކުޅުންތެރިޔަކު ރަޖިސްޓްރީކޮށްފައި ނުވާތީ ކަމަށެވެ.

މީގެ އިތުރުން ޓްރާންސްފާ ބޭންގެ އަދަބު ތަންފީޒު ކުރަމުން ދިޔަ ކަމުގައި ވިޔަސް ކުޅުންތެރިޔަކަށް އަނިޔާވެ މުޅި ސީޒަންގައި ނުކުޅެވޭނެކަން ޔަގީންވުމުން އެކުޅުންތެރިޔާގެ ބަދަލުގައި ޓީމަށް އެހެން ކުޅުންތެރިޔަކު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ފީފާގެ ހުއްދަޔާ އެކު ސްޕެއިންގެ އެފްއޭ އަށް ލިބިގެންވާ ކަމަށް ބާސާ އިން ގަބޫލު ކުރާ ކަމަށް ވެސް އެ ކުލަބުން ސްޕެއިންގެ އެފްއޭ އަށް ހުށަހެޅި ހުށަހެޅުމުގައި ހިމަނާފައިވެ އެވެ.

ފީފާ އިން މިހާރު ވެސް ވަނީ ރަފިއަނާ އިންޖަރީވި ކަމުގައިވިޔަސް ކުޅުންތެރިޔަކު އިތުރަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ބާސާ އަށް ލިބިގެން ނުވާ ކަމަށް ބުނެފަ އެވެ.

ފީފާ އިން ބާސާއާ ދެކޮޅަށް ފިޔަވަޅު އެޅީ އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ޓީމަށް ގެނައުމުގައި ފީފާގެ ގަވާއިދުތަކާ ޚިލާފަށް އަމަލުކޮށްފައި ވާތީ އެވެ.

ޓްރާންސްފާ ބޭންގެ ފިޔަވަޅާ ގުޅިގެން އަންނަ އަހަރު ޖަނަވަރީ މަހު އެކެއްގެ ކުރިން އެއްވެސް އާ ކުޅުންތެރިޔަކު ބާސާގައި ރަޖިސްޓްރީއެއް ނުކުރެވޭނެ އެވެ.