22 Mar 2011, 13:27
މަރާލުމަށް ފަހު، ހަދަމުންދިޔަ އިމާރާތެއްގެ ހުރި ކުނިތަކެއްގެ ތެރޭގައި ފޮރުވާފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެ މައްސަލައިގެ ތުހުމަތު ކުރެވޭ ޝީރީންގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު މިއަދު އެދެފި އެވެ.
ކްރިމިނަލް ކޯޓުގައި ހިންގާ ޝީރީންގެ މަރުގެ މައްސަލައިގެ ޝަރީއަތުގައި ވާހަކަ ދައްކަމުން ނަޖާހު ބުނީ އޭނާ ހައްޔަރު ކުރިތާ 14 މަސް ވެފައިވާ އިރު މިހާތަނަށް ވެސް އާއިލީ ބައްދަލުވުމެއް ވެސް ދީފައިނުވާ ކަމަށެވެ. އަދި ބުނީ ފޯން ކޯލެއް ކުރުމަށް ވެސް ހުއްދަ ދީފައި ވަނީ އެންމެ ދެ ފަހަރު ކަމަށެވެ. ނަޖާހު ބުނީ އޭނާ ހައްޔަރު ކުރުމަށް ފަހު ފުލުހުން ވަނީ އޭނާގެ ހުރިހާ ހެދުމެއް ގެންގޮސްފައި ކަމަށާއި ޝަރީއަތަށް ވެސް އަންނަނީ ގައިދީންގެ އަތުން ހެނދުން ހޯދައިގެން ކަމަށެވެ.
މިއީ ޝީރީންގެ މަރުގެ މައްސަލައިގެ ޝަރީއަތް އޮގަސްޓް 2، 2010 ގައި ފެށުނު ފަހުން ނަޖާހު ޝަރީއަތުގައި ވާހަކަ ދެއްކި ދެ ވަނަ ފަހަރެވެ.
އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
މިއަދުގެ ޝަރީއަތުގައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހަޅާފައިވާ ފުލުހުންގެ ދެ މީހަކު ހެކިބަސް ދިނުމެވެ. ހެކިބަސް ދެމުން ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުގައި ހިމެނޭ ސާޖަންޓް މުސްތާގް މުހައްމަދު ވިދާޅުވީ ޝީރީންގެ ހަށިގަނޑު ފޮއްޓެއްގައި ޝީރީނާއި ނަޖާހު ދިރިއުޅުނު މ. ކުރަހާގެއިން މ. އަންގާގިރިއަށް ގެންދިޔަ ކަމަށް ބެލެވޭއިރު އެ ފޮށިން ނަގާފައިވާ ފައިބަރާއި ކާރުގެ ޑިކީގެ ކާޕެޓުން ފެނުނު ފައިބަރު ތަހުލީލު ކުރި އިރު ކާޕެޓާއި ފޮއްޓާ ކޮންޓެކްޓް ވެފައިވާ ކަމަށް ދެނަގަނެވުނު ކަމަށެވެ.
މުސްތާގް ވިދާޅުވީ ފައިބަރަކީ ރޮދި ކަހަލަ، އާންމުކޮށް ލޮލަށް ނުފެންނަ އެއްޗެއް ކަމަށެވެ. އަދި ފޮށީގެ ބޭރުންނާއި ކާޕެޓުން ނަގާފައިވާ ފައިބަރު ތަހުލީލު ކުރުމުން ކުލަ އާއި ފިޒިކަލް އެޕައެރެންސް އެއްވައްތަރު ފައިބާ ދޭތިން ވެސް ފެނިފައިވާ ކަމަށެވެ.
ހެކިބަސް ދެމުން ޝީރީން މަރުވެފައި އޮއްވާ ފެނުނު އަންގާގިރިއަށް ދިޔަ ފުލުހަކު ބުނީ ޝީރީން ފެނުނު އިރު އެއީ އަންހެނެއް ނުވަތަ ފިރިހެނެއް ކަމެއް ވެސް ނޭނގޭ ކަމަށާއި ހަށިގަނޑު އޮތީ ގޯނިތަކެއް އަޅައި ފޮރުވާފައި ކަމަށެވެ.
މިއަދުގެ އަޑުއެހުން އިސް ގާޒީ ނިންމަވާލެއްވީ މާޗް 31 ގައި އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
ޝީރީން ޑިސެމްބަރު 31، 2009 ގައި ގެއްލުނު ފަހުން ފެނިފައި ވަނީ ޖެނުއަރީ 2، 2010 ގަ އެވެ. ޝަރީއަތުގައި މީގެ ކުރިން ފުލުހުން ބުނެފައި ވަނީ ޝީރީންގެ ހަށިގަނޑު ފެނުނު އިރު އޮތީ ކުރުގެޅިފައި ކަހަލަ ގޮތަކަށް ކަމަށާއި ކަރާއި ފަލަމަސްގަނޑުގެ ބައެއް ތަންތަން ހުރީ ރަތްވެފައި ކަމަށެވެ. ފުލުހުން ތުހުމަތު ކުރަނީ ނަޖާހާއި ޝީރީން ދިރިއުޅެމުންދިޔަ ކުރަހާގެއިން އަންގާގިރިއަށް ނަޖާހު، ޝީރީން ގެންގޮސްފައި ވަނީ ފޮއްޓަކަށް ލައިގެން ކަމަށެވެ. މާފަންނު ގަޑިބުރު ކައިރިން ނަޖާހު ޓެކްސީއެއް ނެގި ކަމަށާއި އެ ޓެކްސީ ބާލާފައި ވަނީ އަންގާގިރި ކައިރިއަށް ކަމަށް އެ ޓެކްސީގެ ޑްރައިވަރު ވެސް ޝަރީއަތުގައި ބުނެފައިވެ އެވެ.
ޝަރީއަތުގައި ހެކިބަސް ދެމުން "އަހަރެން މަރުވާނީ ނަޖާހުގެ އަތުން" ކަމަށް ޝީރީން ބުނެފައިވާ ކަމަށް މީހަކު ބުންޏެވެ. އަދި އެއިރު ޝީރީންގެ ލޯ ކައިރި ނޫފައިގެންފައި ހުރުމުން އެކަމާ ސުވާލު ކުރުމުން އެއީ ނަޖާހު އަނިޔާކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ހެކި މީހާ ބުންޏެވެ. މީގެ އިތުރުން ޝީރީން މަރާލާނެ ކަމަށް ބުނެ ވަޅިއެއް ހިފައިގެން ނަޖާހު ވަރަށް ރުޅިގަދަވެގެން އުޅުނު ކަމަށް ވެސް ބުނެ ވެސް މީހަކު ހެކިބަސް ދީފައިވެ އެވެ.