މިނާ (ސެޕްޓެމްބަރު 22) : މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަންއަދާކުރާ ހައްޖުވެރިން ތަރްވިޔާގެ ދުވަސް ފުރިހަމަ ކުރުމަށް ޓަކައި މިއަދު ތިބީ މިނާގެ މަޝްޢަރުގައި ކަމަށް ސައޫދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފި އެވެ.

ތަރްވިޔާގެ ދުވަހުގައި މިނާގައި ތިބެނީ ކީރިތި ރަސޫލާ (ސއވ)ގެ ސުންނަތަށް އިގްތިދާ ވުމުގެ ގޮތުންނެވެ. މިނާއަކީ މައްކާއާ ހަތް ކިލޯ މީޓަރުގެ ދުރުގައިވާ ބިމެކެވެ. ހައްޖުމަހުގެ އަށް ވަނަ ދުވަހަށް ތަރްވިޔާގެ ދުވަހުގެ ގޮތުގައި ނަންދެވިފައި ވަނީ ހައްޖުމަހުގެ 9 ވަނަ ދުވަހު ހައްޖުވެރިން އަރަފާތުގެ ބިމުގައި ތިބުމަށް ޓަކައި އެދުވަހަށް ބޭނުންވާ ބޯފެން ހޯދައި ރައްކާކުރުމަށް ކުރާ މަސައްކަތަށެވެ. ކީރިތި ރަސޫލާގެ ދުވަސްވަރު މައްކާގެ ހާލަތު އޮތްގޮތުން ފެންހޯދުމަކީ ފަސޭހަ ކަމަކަށް ނުވާތީ އެދުވަސްވަރު ހައްޖުމަހުގެ އަށް ވަނަ ދުވަސް ޚާއްސަކޮށްފައި ވަނީ ފެންހޯދައި ރައްކާކުުރުމަށެވެ. މިހާރު މިދުވަހުގައި މިނާގައި ތިބެނީ ރަސޫލާގެ ސުންނަތަށް އިގްތިދާ ވުމުގެ ގޮތުންނެވެ.

ރޭ އިޝާ ނަމާދަށް ފަހު ހައްޖުވެރިން ވަނީ މިނާގައި ތަރްވިޔާގެ ދުވަސް ހޭދަކުރުމަށް ޓަކައި މިނާގެ މަޝްއަރަށް ދާން ފަށައިފަ އެވެ. މިއަދު ހައްޖުވެރިން މިނާގައި ތިބުމަށް ފަހު ހައްޖުގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު ރުކުން އަދާކުރުމަށް ޓަކައި ހައްޖުވެރިން މާދަމާ އަރަފާތުގެ ބިމަށް ދާނެ އެވެ. މުޅި ދުވަސް އަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭ ހިސާބުން ފެށިގެން ހައްޖުވެރިން ދާނީ އަރަފާތުގެ ކައިރީގައިވާ މުޒްދަލިފާ އަށެވެ.

މުޒްދަލިފާގައި ރޭ ކުރުމަށް ފަހު އަނެއްދުވަހު (އީދު ދުވަހު) ގެ ފަތިހުން ފެށިގެން ހައްޖުވެރިން ދާނީ އަނެއްކާ ވެސް އަރަފާތުގެ ބިމަށެވެ. އެއީ އުޟްހިޔާ ކަތިލުމަށާއި ޖަމްރާތަކަށް ހިލައުކުމަށާއި ބޯ ކޮށުން ނުވަތަ ބޯ ބޭލުމަށެވެ. އެއަށް ފަހު އަނެއްކާ ވެސް މައްކާއަށް ގޮސް ތަވާފުލްއިފާޟާ ނިންމުމުން ހައްޖުގެ އަޅުކަން ނިމުނީއެވެ. ބައެއް ހައްޖުވެރިން ހައްޖު މަހުގެ 11، 12 އަދި 13 މިދުވަސްތަކުގައި މިކަންކުރާއިރު އަވަހަށް ނިންމަން ބޭނުންވާ ހައްޖުވެރިން 10 ވަނަ ދުވަހު ވެސް މިކަންކަން ފުރިހަމަ ކުރެ އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި ބޭރު ގައުމުތަކުން އެއްމިލިޔަން ހަތަރު ލައްކަ މީހުން މައްކާގެ ބިމަށް ގޮސްފައިވާ އިރު ސައޫދީ އެކިސަރަހައްދުތަކުން ހަ ލައްކަ އެއްހާ މީހުން މައްކާއަށް އައިސްފައިވާ ކަމަށް ސައޫދީ ސަރުކާރުން ބުނެފައިވެ އެވެ. ހައްޖުވެރިން މިނާގައި ތިބުމަށް ޓަކައި 160 ހާސް ފޭލިގެ ވަނީ ގާއިމް ކޮށްފަ އެވެ. މިއަހަރުގެ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން 332 ހާޖީން އެކި ސަބަބުތަކާ ގުޅިގެން މަރުވެފައިވެ އެވެ. މީގެތެރޭގައި ހަރަމްފުޅުގެ ތެރެއަށް ކެރޭނެއް ވެއްޓުމުގެ ސަބަބުން މަރުވި 112 މީހުން ވެސް ހިމެނެ އެވެ. (ސައޫދީ މީޑިޔާ)