22 Sep 2015, 09:55
ފުންކޮށް ނޭވާލުމޭ މި ބުނަނީ ހަމަ ހުރެލާފައި ފުންކޮށް ނޭވާލާ ވާހަކައެއް ނޫނެވެ. ފުންކޮށް ނޭވާލާން ވަގުތު ހުސްކޮށްލައިގެން، ތަނެއްގައި އޮށޯވެ އޮވެ ފުންކޮށް ނޭވާލުމުގެ "ސެޝަނެއް" ކުރިއަށްގެންދާ ވާހަކަ އެވެ.
މި ސެޝަން ކުރިއަށް ގެންދާނެ ގޮތަކީ ހަމަހަމަ ތަނެއްގައި، މުޅި ހަށިގަނޑު އެއްކޮށް ދަމާލައިގެން އޮވެ، ނޭފަތުން އެތެރެއަށް ފުންކޮށް ނޭވާ ދަމާލާށެވެ. އަދި އެއަށް ފަހު އަނގައިން ނޭވާ ދޫކޮށްލާށެވެ. ލޯމަރާލައިގެން ބަނޑުމަތީގައި ދެއަތް ބާއްވައިގެން ފަސް މިނިޓް ނުވަތަ 10 މިނިޓް ވަންދެން މިގޮތަށް ކުރިއަށް ގެންދާށެވެ. މިއީ ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކޮށްފި ނަމަ އެއިން އިންސާނާގެ ސިއްހަތަށް ފުރިހަމަ ފައިދާތަކެއް ލިއްބައިދޭނެ ކަމެކެވެ.
މީހާ ރިލެކްސް ކޮށްލަދޭ
މިސާލަކަށް ބުރަކޮށް ކޮމްޕިއުޓަރު ދޮށުގައި މަސައްކަތްކުރާ ނުވަތަ އެއްޗެހި އުފުލުމުގައި މަސައްކަތް ކުރާ މީހެކެވެ. މާބޮޑަށް މަސައްކަތުގެ ތެރެއަށް ވަދެ އެކަމުގައި ޝާމިލުވާ ނަމަ، އަވަހަށް މީހާ ކަންކަމާ ހާސްކުރުވާނެ އެވެ. އެފަދަ ހާލަތްތަކުގައި ކަރާ އެކު، ކޮނޑުގައި ރިއްސާގޮތް ވާނެ އެވެ. އެހެންވާ ނަމަ ދެތިން ފަހަރު ފުންކޮށް ނޭވާލުމުން ވެސް ކުޑަކޮށް މީހާ ރިލެކްސްވާނެ ( އަރާމުވާނެ) އެވެ.
ކޮންމެ ދުވަހަކު މަސައްކަތް ނިންމާލުމަށް ފަހު 10 ވަރަކަށް މިނިޓް ވަންދެން މިފަދަ ސެޝަނެއް ހިންގާށެވެ.
ސްޓްރެސް ދައްކޮށްދޭ
ނޭވަޔަށް މީހާގެ ވިސްނުން ފޯކަސްކޮށްގެން ކަންކަން ކޮށްލުމަކީ އޭނާގެ ސިކުނޑި ތާޒާކޮށްލަދޭ ކަމެކެވެ. މިސާލަކަށް މަތިންދާ ބޯޓެއްގައި އިންނަ ވަގުތު، ނުވަތަ ވަރުގަދަ ޓެސްޓެއްގެ ނަތީޖާ ލިބޭތޯ މަޑުކޮށްގެން އިންނަ އިރު، ނުވަތަ އެނޫނަސް ވެސް އެކަމެއްގެ ނަތީޖާ ލިބޭތޯ ކެތްމަދުވެފައި ހުރެވޭ ވަގުތުތަކުގައި ފުންކޮށް ނޭވައެއް ލައިފި ނަމަ އެ ވިސްނުމާ ދުރަށް ސިކުނޑި ގެންގޮސްދޭނެ އެވެ. އަދި ހަމަޖެހުން ލިއްބައިދޭނެ އެވެ.
ނޭވާލާ ނިޒާމަށް ފަރުވާއެއް
ފުންކޮށް ނޭވާލާ ނަމަ ނޭވާލުމުގެ މައްސަލަތައް ކުރިމަތިވާ މީހުންނަށް އެއީ ފަރުވާއެކެވެ. މިސާލަކަށް މީހާ "ޕެނިކް" ވާގަޑީގައި ހާސްވެގެން ކޮންމެ ފަދަ ކަމެއްވެސް ކޮށްލެވިދާނެ އެވެ. އެހެންކަމުން ނޭވާލާ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރުވުމަށް ޓަކައި ފުން ނޭވާ އެހީވެދޭ ގޮތަކީ، އެ ނޭވާގެ ސަބަބުން ފުއްޕާމެއަށް ގިނަ އޮކްސިޖަން ލިބުމެވެ. ނަމަވެސް ނޭވާލުމުގެ ސީރިއަސް މައްސަލަތަކެއް ހުންނަ ކަމުގައި ވަނީ ނަމަ ސިއްހީ މާހިރެއްގެ އެހީ ހޯދުން ވަރަށް މުހިންމެވެ.
ބޮލުގައި ރިއްސުންފަދަ ތަދު ރަނގަޅުކޮށްދޭ
ފުންކޮށް ނޭވާލުމުން މީހާގެ ހަށިގަނޑު ރިލެކްސްވެ ހާސްވުމުން ދުރުކޮށްދެ އެވެ. ބޮލުގައި ރިއްސުން ފަދަ ތަދުތަކުން ދުރުކޮށްދިނުމުގެ އަސްލަކީ އެއީ އެވެ. މިސާލަކަށް ބުރަކޮށް މަސައްކަތް ކުރުމުން ނުވަތަ ކަމަކާ ވިސްނުމުގެ ސަބަބުން ބޮލުގައި ރިއްސުމާއި، ކަނދުރާގައި ރިއްސުން ފަދަ ކަންކަމުން، ފުންކޮށް ނޭވާލުމުން ދުރުކޮށްދޭނެ އެވެ. ކުއްލިއަކަށް މެއަށް އަރާ ތަދުތަކަށް ވެސް މިއީ އަވަސް ފަރުވާއެކެވެ.
ހަށިގަނޑުގައި އުފެދޭ ގޭސް ބޭރުކޮށްދޭ
ނެވާލާ އިރު ހަށިގަނޑުން ބެރުވަނީ "ކާބޮންޑަޔޯކްސައިޑް" ގޭހެވެ. ފުންކޮށް ނޭވާ ދަމާލުމަށް ފަހު، އަނގައިން ނޭވާ ބޭރުކޮށްލާ ގަޑިގައި ގިނަ އަދަދަކަށް މި ގޭސް ހަށިގަނޑުން ބޭރުވެ އެވެ.
އާންމުކޮށް ނޭވާލާ އިރު ހަށިގަނޑުން މި ގޭސް ބޭރުވާން ޖެހޭ މިންވަރަކަށް ބޭރެއް ނުވެ އެވެ. އޭގެ ސަބަބުން މެއިން ހޫނުއެރުން ފަދަ ކަންކަން ދިމާވެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު އެއްފަހަރު ގަވާއިދުން މިފަދަ ސެޝަނެއް ގެންދާ ނަމަ ގޭސްތައް ބޭރުވެ އެވެ.
މިބުނި ގޮތަށް ފުންކޮށް ނޭވާލުމުގެ ސެޝަނެއް ކޮންމެ ދުވަހަކު އެއްފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ވެސް ކުރިއަށް ގެންދެވިދާނެ އެވެ. ވިސްނަން ޖެހޭ މުހިންމު ޕޮއިންޓަކީ ފުންކޮށް ނޭވާލާ އިރު މީހާގެ މުޅި ވިސްނުން އެކަމަށް ހުއްޓިފައި ހުރުމެވެ. އަދި ނޭފަތުން އެތަރެއަށް ދެމުމަށް ފަހު އަނގައިން ނޭވާ ބޭރުކޮށްލުމެވެ.