22 Sep 2015, 10:15
އައިޝްވަރިޔާ ރާއީގެ އެނބުރި އައުން ފާހަގަކުރާ ފިލްމު، "ޖަޒްބާ" ރިލީޒްކުރަން ވަގުތު ކުޑަތަންވާ ވަރަކަށް ހާސްވަމުން އަންނަ ކަމަށް އައިޝްވަރިޔާ ރާއީ ބުނެފި އެވެ.
ސަންޖޭ ގުޕްތާ ޑައިރެކްޓްކުރާ "ޖަޒްބާ"ގައި އޮޑްވޮކޭޓެއްގައި ބައިން އައިޝްވަރިޔާ ފެނިގެންދާ އިރު، ފިލްމުގެ ބަތަލުގެ ރޯލް އަދާކުރާ އިރްފާން ޚާން ކުޅޭނީ ވަރުގަދަ ފުލުހެއްގެ ރޯލެވެ.
"އެންމެން ވެސް ފިލްމަށް އިންތިޒާރު ކުރާތީ ހާސްވާހެން އަހަންނަށް ހީވޭ. އޮކްޓޯބަރު އޮތީ ދުރަކު ނޫން. ފިލްމު ރިލީޒްކުރާކަށް މާގިނަ ވަގުތެއް ނެތް،" ފިލްމު ރިލީޒްކުރުމުގެ ކުރިން ބޭއްވި ޕާޓީއެއްގައި ވާހަކަދައްކަމުން ކުރީގެ ރީތީގެ ރާނީ ބުނެފައިވެ އެވެ.
ފިލްމު "ޖަޒްބާ"ގެ ތަޖުރިބާގެ ވާހަކަ ދައްކަމުން އައިޝްވަރިޔާ ބުނެފައި ވަނީ، ފިލްމު ހެދުމުގައި ރަނގަޅު ވަގުތުތަކެއް ހޭދަކުރެވުނު ކަމަށާއި ސަންޖޭއާ އެކު މަސައްކަތްކުރުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. އެ ފިލްމް ފަދަ ފުރިހަމަ ފިލްމެއް އަދި ނުފެންނަ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
މީގެ އަށް އަހަރު ކުރިން އެޅުވި ދެކުނު ކޮރެއާގެ ފިލްމު، "ސެވަން ޑޭސް"ގެ ރީމޭކެއްގެ މައްޗަށް ހަދާ އިންޑިއަން އެކްޝަން ޑްރާމާ ފިލްމު، "ޖަޒްބާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.