ކައުންސިލްތަކަކީ ވަކި ދައުލަތެއް ކަމަށް ދެކިގެން ޔުނިޓަރީ ދައުލަތެއްގެ ސިފަ ނަގާލުމަށް ބައެއް ކައުންސިލަތަކުން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު ހަސަން އަފީފު ތުހުމަތު ކުރައްވައިފި އެވެ.

ހޯމް މިނިސްޓްރީން ފަންސަވީސް މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަފީފު ވިދާޅުވީ ކައުންސިލްތަކާއި ގައުމީ އިދާރާތަކުން ބުނާ އެއްޗަކަށް އިޖާބަދޭން ނުޖެހޭނެ ކަމަށާއި އަޅުގަނޑުމެން އަމަލުކުރަން ޖެހޭނީ ގާނޫނުގައި ބުނާ އެއްޗަކަށް ކަމަށެވެ. އެ ގޮތުން ގާނޫނު އަސާސީގައި ބުނެފައި ވަނީ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި އެ ސިފަ ނަގާލަން އެއްވެސް ބަޔަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކައުންސިލްތަކުން ބުނާ އެއްޗެއް އަހާނެ ކަމެއް ނެތް. ގައުމީ އިދާރާތަކުން ބުނާ އެއްޗެއް ވެސް އަހާނެ ކަމެއް ނެތް. ގާނޫނު އެބައޮތް އަޅުގަނޑުމެންގެ ކުރިމަތީގައި. ގަނޫނު ބެލީމަ އެބައިނގޭ ކަންތަތައް ކުރަން ޖެހޭ ގޮތް ކަންތައްތައްވާން ޖެހޭ ގޮތް.. ގާނޫނު އަސާސީގައި އަޅުގަނޑުމެންގެ ގައުމާ ބެހޭ ގޮތުން ބުނެފައި އޮތް އެންމެ ބޮޑު އެއް ސިފައަކީ ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކޭ. އެހެންވީމަ މި ސިފަ ނަގާމުލަށް ބައެއް ބޭފުޅުން (ކައުންސިލްތަކުން) ވާހަކަ ދެކެވޭކަން އެބަ ފާހަގަ ކުރެވޭ. ކައުންސިލަކީ ވަކި ދައުލަތެއް ނޫން. އަތޮޅަކީ ވަކި ދައުލަތެއް ނޫން،"

އަފީފު ވިދާޅުވީ ޔުނިޓަރީ ދައުލަތެއްގެ ސިފަ އާ ހިލާފަށް ގާނޫނެއްގައި ލިޔުނަސް އެ ވާނީ ބާތިލް ގާނޫނަކަ ކަމަށެވެ.

ށ. އަތޮޅާއި ކ. އަތޮޅުގެ ވެރިކަން ކުރާރަށް ބަދަލު ކުރި މައްސަލައަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އަފީފު ވިދާޅުވީ ކައުންސިލްތަކުން ގަރާރެއް ފާސް ކުރުމުން އެއީ ގާނޫނެއް ކަމަށް ބައެއް ފަރާތަކަށް ހީވާ ކަމަށެވެ.

"ބައެއް ކައުންސިލްތަކުން ތިމަންނާމެންގެ އޮފީހަކީ މިވެނި އޮފީހެކޭ މިވެނި އޮފީހެކޭ ކިޔާފައި، ރިޒޮލިއުޝަނެއް ފާސް ކުރީމަ ހީވަނީ، މިއީ ގާނޫނެކޭ. އެކަން ކޮން ގާނޫނަކުންތޯ ކައުންސިލަކަށް ބާރުދީފައި އޮތީ އެބޭފުޅުން ބޭނުންވާ ތަނެއްގައި އޮފީސް ގާއިމް ކުރަން."