22 Sep 2015, 10:04
ޗެކްރިޕަބްލިކުގެ ރައީސް މީލޯސް ޒެމަން އާ ދެކޮޅަށް އެ ގައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން ރައީސްގެ ގަނޑުވަރުގައި ނަގާފައި ހުންނަ ދިދަ ތިރިކޮށް، އެ ދިދަ ދަނޑިއަށް ބޮކްސާއެއް ނަގައިފި އެވެ.
ދުންހޮޅު ސާފުކުރާ ބަޔަކަށް ހެދިގެން ރައީސްގެ ގަނޑުވަރު މައްޗަށް އަރައި އެ ދިދަ ނަގާފައި ވަނީ އެ ގައުމުގެ އާޓް ގްރޫޕަކަށް ނިސްބަތްވާ ތިން މީހުން ވެގެން މިދިޔަ ހޮނިހިރު ދުވަހު އެވެ.
ނަމަވެސް އެ ތިން މީހުން ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ގައުމުގެ ފުލުހުން ބުނާ ގޮތުން އެ މީހުންނަށް މަދުވެގެން ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އެކަން ކުރި ޒޮހޯވަން އާޓު ގްރޫޕުން ބުނާ ގޮތުން، ދިދައެއްގެ ގޮތުގައި ނެގި ރަތް ކުލައިގެ ބޮޑު ބޮކްސާ އިން ދައްކުވައި ދެނީ އެ ގައުމުގެ ރައީސް ޒެމްނާއި ޗައިނާ އަދި ރަޝިއާއާ އެކު އޮންނަ ވަރުގަދަ ގުޅުމާ ދެކޮޅުކަމެވެ.
މީގެ އިތުރުން އެ ދިދަ ނެގުމަށް ފަހު އެ ގްރޫޕުގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ، "މިއަދު އަހަރެމެން ގަނޑުވަރުގެ މަތީގައި ބެނާއެއް މިދެމީ، އެއްވެސް ކަމަކާ ލަނދު ނުގަންނަ މީހަކަށް" ކަމަށެވެ.
މީގެ ކުރިން ޔުކްރައިނާއި ރަޝިޔާގެ މައްސަލާގައި ވެސް ޒެމަން ރަޝިއާ އަށް ތާއީދުކުރުމުން ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށް އޭނާއާ ދިމާލަށް ބިސް އުކައިފަ އެވެ.
ޒޮހޯވަން ގްރޫޕުން ފޭސްބުކް ޕޭޖުގައި ބުނެފައިވާ ގޮތުން، އެމީހުން މުޒާހަރާކުރަމުން ދަނީ އެގައުމުގެ ރައީސް ޑިކްޓޭޓަރުންނަށް ތާއީދުކުރާތީ އެވެ.