އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 50 އަހަރު ފުރުން މިއަދު ފާހަގަކުރާ އިރު، މެންބަރު ގައުމަކަށް ވާން ނިންމި ނިންމުމަކީ ރާއްޖޭގެ ހާރިޖީ ދާއިރާގެ ތާރީހުގައި މިހާތަނަށް ނިންމި އެންމެ މުހިންމު ނިންމުން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރާއްޖެއާ އދ.ގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކޮށް ފޮރިން މިނިސްޓަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ވޭތުވެ ދިޔަ 50 އަހަރުގެ މުއްދަތުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އިންސާނީ ހައްގުތައް ހޯދައިދޭން އެންމެ ބޮޑަށް ވަކާލާތު ކުރާ އެއް ގައުމަކީ ރާއްޖެ ކަމަށާއި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ގާނޫނީ ވެރިކަމާއި އިންސާނީ ހައްގުތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ވިއަސް، ވޭތުވެ ދިޔަ 50 އަހަރުގެ ތެރޭގައި އެކި ރޮނގުތަކުން ގިނަ މަސައްކަތްތަކެއް އދ. ގައި ރާއްޖެ އިން ކޮށްފައިވާ ކަމަށެވެ.

އެގޮތުން އިސްލާމްދީނުގެ އަސްލުތަކާއި ރާއްޖޭގެ އާދަކާދައިގެ އިތުރުން ގައުމުގެ މަސްލަހަތަށް ގެއްލުން ނުވާނެ ގޮތުގެ މަތިން މިކަންކަން ހާސިލްކޮށްފައިވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.