ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް ގޮސްތިބި މީހުން އަރަފާތަށް ދިއުމުގެ ކުރިން މަޑުކޮށްލުމަށް، އަދި އަރަފާތު ބިމުން އެނބުރި އަންނަ މަގުމަތީގައި ތިން ދުވަހު މަޑުކުރަން ޖެހޭ މިނާ ވާދީ ފައްކާކޮށް ނިމިފައިވާ ކަމަށް ސައުދީ އެރެބިޔާގެ ރަސްމީ ފަރާތްތަކުން ބުނެފި އެވެ.

ސައުދީ ގެޒެޓުން ބުނީ ދެ ހަރަމްގެ ވެރިޔާ، އަދި ސައުދީ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒު ކަމާ ބެހޭ ފަރާތްތަކަށް އަމުރު ކުރައްވާފައި ވަނީ، ހައްޖުވެރިން، މާތްވެގެންވާ ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދަތިނުވާނެ ގޮތަށް ހުރިހާ ކަމެއްގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.

ހައްޖުވެރިން މިނާގައި މަޑު ކުރުމަށް ހަދާފައިވާ ޓެންޓްތައް: މި ޓެންޓްތައް 1997 ވަނަ އަހަރުގެ ފަހުން ތައްޔާރު ކޮށްފައި ވަނީ އަލިފާން ނުހިފާ މެޓީރިލުން

ސައުދީއެރެބިޔާގައި ހުންނަވާ ރާއްޖޭގެ ހައްޖު މިޝަންގެ މީޑިއާ ކޯޑިނޭޓަރު އަލީ ޝަރީފު މިރޭ ސަން އަށް ވިދާޅުވީ ދިވެހި ހައްޖުވެރިން ވެސް މިނާ ބިމަށް ދިއުމަށް މިރޭގެ އިޝާ ނަމާދަށް ފަހު ފުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިރޭ މިނާގައި މަޑު ކުރުމަށް ފަހު މާދަމާރޭ އަރަފާތު ބިމަށް ދިއުމަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖު ދުވަހަކީ މާދަމާ ނޫން އަނެއް ދުވަހަ އެވެ. އެ ދުވަހު ހުރިހާ ހައްޖުވެރިން ވެސް އަރަފާތު ބިމަށް ޖަމާވާން ޖެހެ އެވެ.

ޑައިރެކްޓަރު އޮފް ޕާސްޕޯޓްސްއާ ހަވާލާދީ ސައުދީ ގެޒެޓުން ބުނީ ހޮނިހިރު ދުވަހުގެ ނިޔަލަށް 1.3 ހައްޖުވެރިން ސައުދީ އެރެބިޔާ އަށް ގޮސްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން މިހާތަނަށް 308 މީހަކު ނިޔާވެފައިވާ ކަމަށެވެ.

ހައްޖުވެރިން މިނާގައި މަޑު ކުރުމަށް ހަދާފައިވާ ޓެންޓްތައް: މި ޓެންޓްތައް 1997 ވަނަ އަހަރުގެ ފަހުން ތައްޔާރު ކޮށްފައި ވަނީ އަލިފާން ނުހިފާ މެޓީރިލުން

ސައުދީ ގެޒެޓުން ބުނީ ސައުދީ އެެރެބިޔާ އިން ހައްޖުވާ މީހުންނާ އެކު ޖުމްލަ ތިން މިލިއަން މީހުން މި އަހަރު ހައްޖުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ސައުދީ ސަރުކާރުން ވަނީ 100،000 ސިކިއުރިޓީ މީހުން ނެރެފަ އެވެ. އަދި އެ މީހުންގެ ތެރޭގައި ޓްރެފިކް ފުލުހުންނާއި އަދި ކްރައުޑް ކޮންޓްރޯލް ކުރުމުގެ ތަމްރީން ހަދާފައިވާ، އިމަޖެންސީ ސިވިލް ޑިފެންސް މީހުން ވެސް ހިމެނެ އެވެ.

ގެޒެޓުން ބުނީ ހައްޖުގެ އަޅުކަން ނިމެންދެން މިނާ އަށް 3000 ސިކިއުރިޓީ މީހުން ފޮނުވާފައިވާ ކަމަށެވެ. އަދި ބުނީ މިނާގައި އަލިފާން ނިއްވާ ސާމާނާއި ސަލާމަތީ ކަންކަމާއި އެމްބިއުލާންސް ފަދަ ހިދުމަތް ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ބުނީ 276 މޮޓޯ ސައިކަލްގައި 24 ގަޑި އިރު ސެކިއުރިޓީ ބަލަހައްޓާނެ ކަމަށެވެ.