ދިވެހި ރާއްޖެ އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި ބައިވެރިވިތާ މިއަދަށް 50 އަހަރު ފުރޭ އިރު، އދ.ގެ ހަމަތަކާ ހިލާފަށް ސަރުކާރުން އަމަލުކުރާ ކަމަށް އިދިކޮޅު ޕާޓީ، އެމްޑީޕީން ބުނެފި އެވެ.

އެކަން ފާހަގަކޮށް އެމްޑީޕީ އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ އދ.ގެ ޗާޓަރަށް ބޯލަނބައި ހަމަތަކަށް ރުޖޫއަ ވުމަށް ދިވެހި ސަރުކާރަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިން ގޮވާލާ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ދިވެހި ރާއްޖެ އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ތަހުޒީބު ދުނިޔެއެއްގައި ރާއްޖެ އަށް ކުރިއެރުމާއި ހަމަޖެހުން ހޯދުމުގެ މަގުސަދުގައި ކަމަށެވެ.

އެގޮތުން އަންނަން އޮތް ޖީލުތައް ރައްކާތެރިކޮށްދޭނެ ގައުމެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި މިނިވަންކަމާއި އިންސާނީ ހައްގުތަކާއި އިންސާނީ ޝަރަފާއި ކަރާމާތާއި ހަމަހަމަކަން ކުރިއަރުވައި ރައްކާތެރި ކޮށްދޭނެ ގައުމެއްގެ ގޮތުގައި ދެމިއޮންނާނޭ ކަމަށް ދިވެހި ރާއްޖެ އިގުރާރުވެފައިވާ ކަމަށާއި އަދުލު އިންސާފާއި ރައްޔިތުންގެ ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުކޮށް ކުރިއަރުވާ ގައުމަކަށް ވާނޭ ކަމަށް އިގުރާރު ވެފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ނަމަވެސް މިހާރުގެ ސަރުކާރުން އދ.ގެ ހަމަތަކާއި އުސޫލުތަކުން ނެއްޓި، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އަމަލުކޮށް، ރާއްޖޭގެ ރައްޔިތުންނަށް ނުހައްގުން އަނިޔާވެރިވެ، އިންސާނީ ހައްގުތަކަށް ފާޅުގައި އަރައިގަނެ، އަދި ހަމަހަމަކަން ނަގައިލަމުންދާކަން ފާހަގަ ކުރާކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

"ދިވެހި ސަރުކާރުން އެފަދައިން އަމަލުކުރަމުންދާ ކަމުގެ ކަންބޮޑުވުން އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ އިސްވެރިޔާ އާއި، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލް އާއި ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ.ގެ އެންމެ އިސް ވެރިޔާ ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.