މައްކާގައި ހައްޖުވެރިން ތިބި ހޮޓަލެއްގައި އަލިފާން ރޯވެ ހަތަރު މީހަކު ޒަހަމްވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސް އާ ހަވާލާދީ އެ ގައުމުގެ ސްޓޭޓް ނިއުސް އެޖެންސީ (އެސްޕީއޭ) ބުނީ ރޭ މެންދަމުން އަލިވެ 2.45 އެހާކަށް ހާއިރު ހިނގި އެ ހާދިސާގައި ޒަހަމްވީ ޔަމަނުގެ ހަތަރު މީހުން ކަމަށެވެ. އެ ހާދިސާ ހިނގުމާއި ގުޅިގެން ހޮޓަލުގައި ތިބި 1500 ހައްޖުވެރިން ހޮޓަލުން ނެރުނު ކަމަށާއި އަލިފާން ނިއްވައި ލެވުމުން އެ މީހުން އަނބުރައި ހޮޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ނޫހުން ބުންޏެވެ.

އަލިފާން ރޯވީ 15 ބުރީގެ އިމާރާތެއް 11 ވަނަ ފަންގިފިލާގަ އެވެ.

ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު ކާނަލް ޢަބުދުﷲ އަލް އުރާބީ އަލް ޙާރިސީ ވިދާޅުވެފައި ވަނީ އެ ހާދިސާ ހިނގީ ކަރަންޓް ޝޯޓްވެގެން ކަމަށް ފުރަތަމަ ތަހުގީގުން އެނގިފައިވާ ކަމަށެވެ.