22 Mar 2011, 12:48
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ މުސާރައިގެ އޮނިގަނޑުގައި، މަޖިލީހުގެ މެންބަރުންނަށް ދިނުމަށް ހިމަނާފައިވާ 20،000 ރުފިޔާގެ ކޮމިޓީ އެލަވަންސް ކަނޑާލުމަށް، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ގަރާރަކީ މަޖިލީހުގެ ގަދަރާއި އަބުރު ނަގައިލުމަށް ހުށަހަޅުއްވާފައިވާ ގަރާރެއް ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކުގެ ތާއީދާ އެކު އެ ޕާޓީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މި ރިޕޯޓަށް ވާހަކަ ދައްކަވަމުން، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ، މެންބަރުންނަށް 20000 ރުފިޔާގެ އެލަވަންސް ހިމެނުމަށް ފާސްކޮށްފައި ވަނީ، މޫސަ އާއި މާރިޔާ ވެސް ވޯޓު ދެއްވައިގެން ކަމަށެވެ. އެހެންކަމުން އެ އެލަވަންސް އުނިކުރުމަށް އެ ދެ މެންބަރުން ހުށަހަޅުއްވާފައިވާ މި ގަރާރަކީ، އިހްލާސްތެރިކަމާ އެކު ހުށަހަޅުއްވާފައިވާ ގަރާރެއްނޫން ކަމަށެވެ. އަދި މަޖިލީހުގެ އަބުރު ނަގައިލުމަށް އެފަދަ ގަރާރެއް ހުށަހެޅުވީތީ އެކަން ކުށްވެރިކުރައްވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުސާރައިގެ އޮނިގަނޑު މަޖިލީޙުން ފާސްކުރުމާގުޅިގެން އާއްމުންގެ ބަޔަކު މަޖިލިސް ދޮށަށް އެއްވެ މުޒާހަރާކޮށް ހަމަނުޖެހުން ހިންގައި، ބައެއް މެންބަރުންނަށް ގޯނާކުރި ހާދިސާގެ އަޑީގައި ވެސް އެ ދެ މެންބަރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
އެ ގަރާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން، އެމްޑީޕީގެ މެންބަރު ނޮޅިވަރަމު ދާއިރާގެ މުހައްމަދު ނަޝީދު[ކާނަލް] ވިދާޅުވީ، މި ގަރާރަށް ތާއީދު ނުރައްވާ ކަމަށާއި ގަރާރަށް ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑުގައި 20،000 ރުފިޔާގެ އެލަވަންސެއް މާލިއްޔަތު ކޮމިޓީން ހިމަނާފައި ވަނީ، ރަމްޒީގޮތެއްގައި ކަމަށް ވެސް، އެ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
"ހަގީގަތުގައި ވީގޮތަކީ، އޮނިގަނޑުގައި މަގާމުތައް ރޭންކް ކުރޮ އިރު ހައިކޯޓުގެ އެހެނިހެން ފަނޑިޔާރުންގެ ދަށަށް މަޖިލީސް މެންބަރުން އަންނަނީ. ނަމަވެސް މަޖިލިސް މެންބަރުންނަކީ އެއަށް ވުރެ މަތީ ރޭންކެއްގައި ތިބެން ޖެހޭ ބައެއް. މުސާރައަށް ބަލައި، އެ ރޭންކަށް މެމްބަރުންނަށް ދެވެނީ، 81،000ރުފިޔާގެ މުސާރައެއް ލިބިގެން. އެހެންވީމަ ރަމްޒީގޮތެއްގައި 20،000 ރުފިޔާ ހިމެނީ، ނަމަވެސް އެ ލިބެން ޖެހޭ ގޮތަށް ފާސްކޮށްފައެއް ނުވާނެ." ނަޝީދު ވިދާޅުވި އެވެ.
ޕީއޭގެ މެންބަރު ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ގަރާރަކީ މަޖިލީހުގެ އަގު ވައްޓައިލުމަށް ހުށަހަޅުއްވާފައިވާ ގަރާރަކަށްވާތީ ތާއީދު ނުކުރައްވާ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި، އެމްޑީޕީން ކުރިމަތިލައްވައިގެން ފެއިލްވެ ވަޑައިގެންނެވި ބޭފުޅުންނަށް، މަހަކު 20،000 ރުފިޔާ އާއި 40،000 ރުފިޔާއާ ދެމެދުގެ މުސާރަ ހިމެނޭ މަގާމުތައް ސަރުކާރުން ދެމުންދާ އިރު، ހަމައެކަނި މަޖިލީސް މެންބަރުންގެ މުސާރައިގެ ވާހަކަ ދެއްކެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހައްދުންމަތިން އިންތިހާބަށް ކުރިމަތި ލައްވައިގެން ފެއިލްވި ފަސް ބޭފުޅުންނަށް މިހާރު ވަނީ 35،000 ރުފިޔާގެ މުސާރައެއް ލިބޭގޮތަށް ސަރުކާރުން މަގާމުތައް އުފައްދައި އެ މަގާމުތައް ދެއްވައިފައި. އަޅުގަނޑަށް ތާއީދު ކުރެވޭނީ، މުޅި ގައުމަށާއި ރައްޔިތުންގެ ލާބައަށް މިފަދަ އެއްޗެއް ހުށަހެޅުމުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ތުޅާދޫ ދާއިރާގެ ނާޒިމް ރަޝާދު ވިދާޅުވީ، މުސާރައިގެ އޮނިގަނޑުގައި، މާލިއްޔަތު ކޮމިޓީން ކޮމިޓީ އެލަވަންސް ހިމަނާފައި ވަނީ ވަރަށް ހުދު މުހުތާރު ގޮތެއްގައި ކަމަށެވެ. އަދި، މަޖިލީޙުގެ ގަވާއިދުގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ބާރު ލިބެދެނީ މެންބަރުންގެ މުސާރަ ކަނޑައެޅުމަށް ކަމަށާއި އެއްވެސް އެލަވަންސެއް ކަނޑައެޅުމުގެ ބާރެއް އެ ކޮމިޓީއަށް ލިބިގެންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށް ގާވާއިދުގައި ބުނެފައިވާ އިރު އެ މައްސަލައިގެ ސަބަބުން މަޖިލީހުގެ އަބުރަށް ހުތުރުވެފައިވާ މައްސަލައިގައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ އިހްމާލްވުން ވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަޖިލީހުގެ ގަވާއިދުގައި ބުނޭ ގަވާއިދާ ހިލާފްކަމެއް ހިނގާ ނަމަ މަޖިލީހުގެ ރައީސް އެކަން ރަނގަޅު ކުރަންވާނެކަމަށް. އެހެން އޮއްވައި ގަވާއިދާ ހިލާފަށް ކޮމިޓީން ކޮށްފައިވާ އެ މަސައްކަތުގައި މަޖިލީހުގެ ރައީސްގެ އިހްމާލްވާން ޖެހޭ،" ނާޒިމް ރަޝާދު ވިދާޅުވި އެވެ.
ނާޒިމް ރަޝާދު މިމޭރުމުން ވާހަކަ ދައްކަވަން ފެއްޓެވުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވަނީ އޭނާގެ ވާހަކަ ހުއްޓުވައިފަ އެވެ.
ޝާހިދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ ވަކިވަކި މާއްދާތަކަށް ބައްލަވައި ގާނޫނު އަސާސީގެ ހުދޫދުން ބޭރުގައި މަޖިލީހުގެ ރިޔާސަތުގެ ބޮލުގައި ކަންކަން އެޅުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެލަވަންސްގެ ކަންތައް ގޮސްފައި ވަނީ އެހެންނާ ވެސް އެފަދަ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ނަމަވެސް ދެވަނަ ފުރުސަތުގައި ވެސް ނާޒިމު ރަޝާދު ވަނީ އެކަމުގައި މަޖިލީހުގެ ރައީސް އިހްމާލުވާކަމަށް ވިދާޅުވެފަ އެވެ.