20 Apr 2010, 10:04
ފެން ނުލިބުމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުން ހާޒިރުނުވުމުން، ވިލިމާލޭ މުހިއްދީން ސްކޫލްގެ މިއަދު ހެނދުނު ދަންފަޅީގެ ކިޔެވުން ބަންދުކޮށްފި އެވެ.
މުހިއްދީން ސްކޫލްގެ ލީޑިން ޓީޗަރ އަލީ ވަހީދު މިއަދު ވިދާޅުވީ އިއްޔެ ހަވީރުން ފެށިގެން މުޅި ވިލިމާލޭން ފެން ކަނޑައިގެން ދިއުމާ ގުޅިގެން ސްކޫލްގެ ހެނދުނުގެ ކިޔެވުން ނުބޭއްވީ ޓީޗަރުންނާއި ދަރިވަރުންނަށް ދިމާވާނެ ދަތިތަކަށް ބަލާފައި ކަމަށެވެ. މިއަދު ހެނދުނު ވެސް ބައެއް ސަރަހައްދުތަކަށް ފެން ނުލިބޭ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ހެނދުނު ދަންފަޅީގެ ކިޔެވުން ކެންސަލްކޮށްފައި ވީނަމަވެސް މެންދުރު ދަންފަޅީގެ ކިޔެވުން ފެށިގެން ކުރިއަށްދާ ކަމަށްވެސް އަލީ ވަހީދު ވިދާޅުވި އެވެ.
އިއްޔެ ހަވީރު 5:30 ހާއިރު މުޅި ވިލިމާލޭން ފެނުގެ ހިދުމަތް ކަނޑައިގެން ދިއުމާ ގުޅިގެން އާއްމު ރައްޔިތުންނަށް ފެނުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާއިރު ވިލިނގިލީގެ ގިނަ ފިހާރަތަކުންވެސް ވަނީ ފެން ހުސްވެފަ އެވެ. އަދި ގިނަ ފިހާރަތަކުން ފެން ހުސްވެގެން މާލެއިން ވެސް ފެން ގެންގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ފެނުގެ ހިދުމަތް ރޭ 12 ޖާހާކަންހާއިރު އަލުން ދޭން ފެށިފައި ވީނަމަވެސް ބައެއް ހިސާބުތަކަށް ފެން ލިބެމުން ނުދާކަމުގެ ޝަކުވާތައް ވެސް ބައެއް އާއްމު ފަރާތްތަކުންވަނީ ކޮށްފަ އެވެ. އެގޮތުން ބައެއް ފެލެޓްތަކަށާއި ގޭގެއަށްވެސް ޕްރެޝަރުގައި ފެން ލިބެމުން ނުދާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
އެމްޑަބްލިއުއެސްސީގެ ބިޒްނަސް ޑިވޮލޮޕްމަންޓް މެނޭޖަރ ހަސަން ސައީދު މިއަދު ވިދާޅުވީ އިއްޔެ މުޅި ވިލިމާލޭން ފެން ހުސްވާންދިމާވީ ވިލިމާލޭގައި ހުންނަ ފެން ކުންފުނީގެ ޕްލާންޓް ސްޓޭޝަންގެ ޕަންޕަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ރޭ ބާރަ ޖަހާއެހާކަންހާއިރު އެމައްސަލަ ހައްލުކޮށް މުޅި ވިލިމާލެ އަށް ފެންދޫކޮށްފައިވާ ކަމަށާއި މިހާރު ދިމާވެގެން އުޅޭ ޕްރެޝަރުގައި ފެން ލިބުމުގެ މައްސަލައަކީ މުޅި ނެޓްވޯކަށް އެކީ އެއްފަހަރާ ޕްރެޝަރުގައި ފެންދިނުމުގައި ދިމާވެގެން އުޅޭ މައްސަލައެއް ކަމަށާއި ނަމަވެސް އެ މައްސަލަވެސް ވަރަށް އަވަހަށް ހައްލުވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.