21 Sep 2015, 19:28
ބޮލީވުޑް ފިލްމީތަރި އަރުޖުން ރާމްޕާލް އޭނާގެ އަންހެނުން މެހެރް ޖެސިއާ އާ ވަކިވާން އުޅޭ ޚަބަރު ފެތުރެން ފެށުމާއެކު އޭނާ އާ ގުޅޭ އެހެން ވާހަކަ އެއް ފެތުރެން ފަށައިފި އެވެ. އެއީ އޭނާ ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ޚާން އާއި ކައިވެނި ކުރަން އުޅޭ ވާހަކަ އެވެ.
ޚަބަރު ފެތުރިފައިވާ ގޮތުގައި ރިތިކް އާއި ސުޒޭން ގެ ކައިވެނި ރޫޅުމުގެ ފަހަތުގައިވެސް ވަނީ އަރުޖުން އެވެ.
އެހެން ނަމަވެސް ސުޒޭން ގެ މަންމަ ޒަރީން ޚާން ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ.
އަރުޖުން މި ހަފުތާ ތެރޭ ނިއުޔޯކުގައި ހުރެ ކުރި ޓުވީޓެއް ވަނީ މީޑިޔާގެ ސަމާލު ކަމަށް އައިސްފަ އެވެ.
"މީހުން ޖައްސާ ގޭމުތައް އެއީ އެމީހުން އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ދަށްވީމަ ޖައްސާ އެއްޗިހި. އަހަރެންގެ ދުއާ އަކީ އެމީހުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުވުން. އުންމީދަކީ އެމީހުން އަމިއްލަ ނަފްސަށް ވީހާވެސް އަވަހަކަށް މައާފް ދިނުން. ޕީސް."
ގިނަ މީހުން މި ޓުވީޓް މާނަކުރީ ސުޒޭން އާއި އޭނާ ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަ ދައްކަމުން ގެންދާ މީހުންނަށް ނުސީދާކޮށް ދެވުނު ރައްދެއްގެ ގޮތުގައެވެ.
ރިތިކް އާއި ސުޒޭން އެމީހުންގެ 13 އަހަރުވީ ކައިވެނި ނިންމާލީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ދެމީހުންގެ ކައިވެންޏަށް ވަނީ ދެ ފިރިހެންކުދިން ލިބިފައެވެ. އެއީ 2006 ވަނަ އަހަރު އުފަންވި ރިހާން އާއި 2008 ވަނަ އަހަރު އުފަންވި ރިދާން އެވެ.
ވަރިވިކަން ރަސްމީކޮށް އިއުލާނު ކުރުމަށް ރިތިކް ނެރުނު ނޫސް ބަޔާނުގައި ވަނީ، "ސުޒޭން އަހަންނާ ވަކިވެ އަހަރުމެންގެ 17 އަހަރުވީ ގުޅުން ނިމުމަކަށް ގެނައުމަށް ނިންމައިފި. މިއީ މުޅި އާއިލާ އަށް ވަރަށް ދަތި އުނދަގޫ ދުވަސްކޮޅެއް. އެހެންކަމުން އަހަރެންގެ އެދުމަކީ މީޑިޔާ އާއި އާންމުން މިދަނޑިވަޅުގައި އަހަރުމެންނަށް "ޕްރައިވެސީ" ދިނުން. އަހަރެން ބޭނުމެއް ނުވޭ މި ޚަބަރުގެ ސަބަބުން އަހަރެންގެ އެއްވެސް ފޭނެއް ނޫނީ އެހެން މީހެއް ވިޔަސް ކައިވެންޏަށް އޮންނަ އިތުބާރު ގެއްލޭކަށް. އަހަރެން ކައިވެނީގެ ގުޅުމަށް އިތުބާރު ކުރަން. އަދި އިހުރިތިރާމުކޮށް ގަދަރު ކުރަން. އަހަރެން އަދިވެސް އެއްފަހަރު އަހަރެންގެ ފޭނުން ދެއްކި އަޅައިލުމާ އަހަރެންގެ ސިއްހަތު ރަނގަޅު ވުމަށް އެދި ކުރި ދުއާއަށް ޝުކުރުވެރިވަން. އަހަރެންގެ ފަރުވާ ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. އަހަރެންނަށް ވަރަށް އަވަހަށް އާންމު ދިރިއުޅުމަށް ރުޖޫއަ ވެވޭނެ. ޝުކުރިއަޔާ."
ސުޒޭން ނެރުނު ބަޔާނުގައި ވަނީ، "އަހަރުމެން ދެމީހުން އެކަކު އަނެކަކަށް އިހުތިރާމް ކުރަން. އަދި އަޅައިލަން. އަދި އަހަރުމެން ދެމީހުން ވަނީ ވަކި ވަކި ނިންމުމަކަށް އައިސްފަ. އަހަރުމުން ދެމީހުން މީ ދެ ކުދިންގެ މައިންބަފައިން. އަދި އަހަރުމެންގެ މަސްއޫލިއްޔަތަކީ އަދިވެސް އެ ދެކުދިންނަށް އަޅައިލައި ރައްކާތެރިކަން ދިނުން. މިކަމަކަށް އެއްވެސް ބަދަލެއް ނާންނާނެ. މިފަދަ ދަނޑިވަޅެއްގައި އަހަރުމެންނަށް "ޕްރައިވަސީ" ދީފިއްޔާ ވަރަށް ޝުކުރުވެރިވާނަން."
ހަތަރު އަހަރު އެއްކޮށް އުޅުމަށްފަހު ރިތިކް އާއި ފިލްމީތަރި ސަންޖޭ ޚާން ގެ އަންހެން ދަރިފުޅު ސުޒޭން އާއި ކައިވެނި ކުރީ 2000 ވަނަ އަހަރުގެ ޑިސެމްބަރު 20 ގަ އެވެ. އަރުޖުން އާއި ސުޒޭން އޭ ކިޔައިން ވާހަކަތައް ފެތުރުމުގެ ކުރިންވެސް ދެމީހުން ދޭތެރޭގައި އެކި އެކި މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.
މީޑިޔާ ގައި ހަބަރު ފެތުރިފައިވާ ގޮތުގައި "ކަހޯނާ ޕިޔާރް ހޭ" އަށް ލިބުނު ކާމިޔާބީއަށް ފަހު ސުބާޝް ގައި ގެ ފިލްމު "ޔާދޭން" ގައި ރިތިކް މަސައްކަތް ކުރި އިރު އެ ފިލްމް ގެ ބަތަލާ ކަރީނާ ކަޕޫރާއި ރިތިކް އާއި ދެމެދު ލޯބީގެ ގުޅުމެއް އުފެދުނެވެ. އަދި މިކަން ސުޒޭން ގެ ބައްޕަ ސަންޖޭ އަށް އެންގުމުން އަވަހަށް ރިތިކް އާއި ސުޒޭން ގެ ކައިވެނި ކުރުވި އެވެ.
ކައިވެންޏަށް ފަހު އެންމެ ފުރަތަމަ ބޮޑު މައްސަލައަކަށް ޖެހުނު ކަމަށް ވަނީ 2009 ގައި ފިލްމު "ކައިޓް" ގެ ޝޫޓިން ތެރޭގައި ރިތިކް އާއި އެ ފިލްމުގެ ބަތަލާ ބާބަރާ މޯރީ އާއި ދެމެދު ގާތް ގުޅުމެއް އުފެދުމެވެ. މި ގުޅުމުގެ ސަބަބުން ކައިވެންޏަށް ބުރޫ އަރައި ސުޒޭން ގެ ދޫކޮށް އޭޕްރީލް މަހު އޭނާގެ ބައްޕަމެން ކައިރިއަށް ބަދަލުވި އެވެ.
އާއިލާ އާއި ގާތް ބައެއް ފަރާތްތަކުން މީޑިޔާ އަށް އިންޓަވިއު ދިން ގޮތުގައި ސުޒޭން ފަހުން އަނބުރާ ރިތިކް ކައިރިއަށް ދިޔަ ނަމަވެސް ފަހުން ދެމީހުންގެ ދެމެދުގައި ކުރިން އޮތް ގާތް ގުޅުމެއް ނެތެވެ.
އޭގެ ފަހުން ދެން އަޑުތައް ފެތުރެން ފެށީ ސުޒޭން އާއި ރިތިކް ގެ ގާތް އެކުވެރިއެއް ކަމަށްވާ އަރުޖުން އާއި ދެމެދު އުފެދެން ފެށި ގާތް ގުޅުމުގެ ވާހަކަ އެވެ. މި ކަމުގެ ސަބަބުން ދެމަފިރިން ދެމެދުގައި މައްސަލަ ޖެހި އަނެއްކާވެސް ސުޒޭން ގެ ދޫކޮށް ބައްޕަމެން ކައިރިއަށް ދިޔައީ އެވެ. 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސުޒޭން މުމްބާއިގައި ހުންނަ އޭނާގެ ބައްޕަގެ ގެއެއް ކަމުގައިވާ "ސަންޖޭ ޕެލެސް" އަށް ބަދަލުވުމަށް ފަހު އަނބުރާ ރިތިކް ކައިރިއަކަށް ނުދެއެވެ. މީގެ ފަހުން ސުޒޭން ވަރިވާން ކޯޓަށް ފޯމު ލިއެވެ.
އޭގެ ފަހުން ފެތުރެން ފެށި އަޑަކީ އަރުޖުން އާއި ސުޒޭން އާއި ކައިވެނި ކުރަން އުޅޭ ކަމުގެ ވާހަކަ އެވެ.
މިކަމާ ބެހޭ ގޮތުން އަރުޖުން ވެސް ސުޒޭން ވެސް ރަސްމީގޮތުން އެއްޗެކޭ ބުނެފަ އެއް ނެތެވެ.