21 Sep 2015, 19:31
ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރަތުގެ ގްރޫޕް 'ބީ'ގައި މިއަދު ކުޅުނު މެޗްގައި 1-1 ގެ ނަތީޖައަކުން މާޒިޔާއާ އެއްވަރުކޮށް މިދިޔަ އަހަރު މުބާރާތުގެ ރަނަރަފް އީގަލްސް ގޫރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފި އެވެ.
މެޗަށް ނުކުތް އިރު ވެސް ސެމީގެ ޖާގައެއް ކަށަވަރުވެފައިވާ މާޒީއާއަށް މިއަދުގެ މެޗުން ލިބުނު އެއް ޕޮއޮއިންޓާއެކު ހަތް ޕޮއިންޓް ލިބިގެން އެ ޓީމަށް ވަނީ ގުރޫޕްގެ އެއް ވަނަ ލިބިފަ އެވެ.
ސެމީ ފައިނަލުގައި އެ ޓީމް ވާދަ ކުރަން ޖެހޭނީ ކުޅުދުއްފުށީގައި ހިމެނޭ ގުރޫޕް 'އޭ'ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. އީގަލްސް ވާދަ ކުރާނީ އެ ގުރޫޕްގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ.
ގުރޫޕް 'އޭ' އެއް ވަނަ އާއި ދެ ވަނަ ޓީމް ފައިނަލް ކަށަވަރު ވެގެންދާނީ މާދަމާ ޓީސީއާ ބީޖީ ކުޅޭ މެޗަށް ފަހުގަ އެވެ.
މާދާމާގެ މެޗުން ޓީސީ އެއްވަރުވި ނަމަވެސް އެ ޓީމަށް ތާވަލްގެ އެއް ވަނަ ލިބޭނެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ ޒޯން ހަތެއްގެ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ޓީމުގެ ލަނޑު ވެސް ކާމިޔަބު ކުރީ ދެ ޓީމަށް ލިބުނު ޕެނަލްޓީންނެވެ.
އީގަލްސްގެ ޕެނަލްޓީން ފުރަތަމަ ހާފުގައި ކެޕްޓަން އިސްމާޢީލް ޢީސާ (މެސީ) ކާމިޔާބު ކުރީ މެޗުގެ 43 ވަނަ މިނެޓްގައެވެ.
އެ ޕެނަލްޓީއަކީ މާޒިޔާގެ ޑިފެންޑާ ޓޯނީ އެ ޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން މެސީއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މެޗު އެ ނަތީޖަގައި އޮވެގެން ނިމިދާނެ ކަމަށް ގަބޫލުކޮށްގެން ތިއްބައި މާޒިޔާއަށް ލިބުނު ޕެނަލްޓީގައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗްގެ 83 ވަނަ މިނެޓްގައި މުޙައްމަދު އުމޭރު ކާމިޔާބު ކުރި ލަނޑުންނެވެ.
ގުރޫޕްގައި މާދަމާ ކުޅޭ މެޗްގައި މިއަދުގެ މެޗުގެ ނަތީޖާއިން މުބަރާތުން ކަޓާފައިވާ ވިކްޓްރީ ނުކުންނާނީ ވެލެންސިއާ ދެކޮޅަށެވެ.