ސްރީ ލަންކާގައި ބޭއްވި ފެސްޓިވަލެއްގައި ބޭނުން ކުރި އެތެއްގެ ފައި ދަށުވެ، 10 މަހުގެ ތުއްތު ކުއްޖަކު މަރުވެއްޖެ އެވެ.

ލަންކާގެ ނޫސްތަކުން ބުނީ މިދިޔަ އާދިއްތަ ދުވަހު އެ ހާސިދާ ހިނގަން މެދުވެރިވީ، އެ ކުއްޖާގެ ތިމާގެ މީހަކު އެ ކުއްޖާ ގޮވައިގެން ކުޅި ބަލަން ގޮސް، އެތުގެ ބަނޑުދަށުން ދާންވެގެން އުޅެނިކޮށް ކުއްޖާއާ އެކު ބިންމައްޗަށް ވެއްޓުމުން، އެތުގެ ފައިން އެރިގެން ކަމަށެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެން ދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ހާދިސާއާ ގުޅިގެން ސްރީ ލަންކާގެ ގޮކަރެއްލާގެ މެޑަގަމަ ދެވަލާގައި ބާއްވަންމުން ދިޔަ އެ ފެސްޓިވަލް ވަނީ ކެންސަލް ކޮށްފަ އެވެ.

ފުލުހުން ބުނާ ގޮތުން، ކުއްޖާ އުރައިގެން އެތުގެ ބަނޑު ދަށުން ދިޔަ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އެ މައްސަލާގައި އޭނާ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

ލަންކާ މީހުން ގަބޫލުކުރާ ގޮތުގައި، އެތެއްގެ ބަނޑު ދަށުން ދިއުމުން އެސްފީނާ އާއި ދުނިޔެވީ ނުބައިކަންތައްތަކުން ރައްކާތެރި ކޮށްދެ އެވެ.

އެތެއްގެ ފައި ދަށުވެ ކުޑަ ކުއްޖަކު މަރުވެފައިވާ އިރު، ލަންކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ނިއުސް ފަސްޓުގެ ނޫސްވެރިއަކު ވެސް މި މަހުގެ ކުރީކޮޅު ވަނީ އެތެއްގެ ހަމަލާގައި މަރުވެފަ އެވެ.