ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރަތުގައި ކުޅުދުއްފުށީގެ ގުރޫޕް 'އޭ'ގެ މިއަދުގެ މެޗްގައި ފޯވަޑް އަލަމޫ ބްކޮލާ އޮލަލެކަންގެ ހެޓްރިކާއެކު މަހިބަދޫގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ކުޅުދުއްފުށީ ޒޯން އެކެއްގެ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ މަހިބަދޫގެ ފަރާތުން ވަނީ ނިއުއަށް ޕްރެޝާ ކުރިމަތި ކޮށްފަ އެވެ.

އެގޮތުން އެ ޓީމުން ވަނީ ނިއު ލީޑުގައި އޮވައި ދެ ފަހަރެއްގެ މަތިން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ނިއުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި އަލަމޫ ކާމިޔާބު ކުރީ ޢަލީ ފާސިރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތުގައި މަހިބަދޫގެ ކީޕަރު މުހައްމަދު އިފާމްގެ ކައިރިން ނައްޓާ ލުމަށްފަހު އެވެ.

ނަމަވެސް ނިއުއަށް ލީޑުގައި އޮވެވުނީ އެންމެ އަށް މިނެޓްއިރު އެވެ. މެޗުގެ 36 ވަނަ މިނެޓުގައި މަހިބަދޫގެ ބިދޭސީ ކުޅުންތެރިޔާ ޑަސިލްވާ ބިނާ އެންޑަސަން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލީޑުގައި އޮވެގެން ނިންމާލުމުގެ ހިތްހަމަޖެހުން ނިއުއަށް ގެނެސްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ސުހޭލް މެޗުގެ 41 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.

ދެ ވަނަ ހާފުގައި ކުޅެން ނުކުމެ މަހިބަދޫއަށް އިތުރު ހިތްވަރެއް ގެނެސްދީ މެޗްގެ ނަތިޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓްގައި އަޙްމަދު ނައުޝާދު ކާމިޔާބު ކުރި ލަނޑުންނެވެ.

އެމެޗްގައި ނިއުއަށް އަލުން ލީޑް ނަގައިދިނީ 67 ވަނަ މިނެޓްގައި އަލަމޫ ކާމިޔާބު ކުރ ލަނޑުންނެވެ.

އެ ލަނޑަށްފަހު ވެސް މަހިބަދޫއިން ވަނީ ނިއުއަށް ޕްރެޝަކޮށް ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް ގޯލަށް ބޯޅަ ފޮނުވޭލެވޭ ގޮތެއް ނުވިއެވެ.

މެޗްގައި އަލަމޫ ހެޓްރިކް ހެދީ 87 ވަނަ މިނެޓްގައި ކަމިޔާބު ކުރި ލަނޑުންނެވެ. އެބޯޅަ ދިފައުކުރަން މަހިބަދަދޫގެ ކީޕަރު އިފާމް މަސައްކަތް ކުރި ނަމަވެސް ބޯޅަ ގޯލަށް ވަނީ އިފާމް ގައިގައި ޖެހިފައެވެ.

އަލަމޫ ހެދި ހެޓްރިކަކީ މިހަތަނަށް ދިހަ މެޗް ކުޅެފައިވާ މިމުބާރާތުގައި ކޫޅުންތެރިޔަކު ހެދި ފުރަތަމަ ހެޓްރިކެވެ.

މިއަދުގެ މޮޅުވުމުން ގުރޫޕް 'އޭ' އިން ސެމީގެ ޖަގައެއް ކަށަވަރު ކުރި ފުރަތަމަ ޓީމަކީ ނިއުއެވެ.

މި ގުރޫޕްގައި ކުޅުނު ތިން މެޗުން މިހާތަނަށް ނިއުއަށް ހަ ޕޮއިންޓް ލިބިފައިވާއިރު ޓީސީއަށް ވެސް ވަނީ ހަމަހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ.

ނަމަވެސް ނިއު ސެމީއަށް ދަތުރުކުރީ ފައިދާގޯލްގެ ތަފާތުންނެވެ.

މާދަމާ ޓީސީ ބީޖީއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ސެމީގެ ޖާގައެއް ކަށަވަރު ކުރެވެން އޮތް އިރު ބީޖީއަށް ސެމީގެ ޖާގައެއް ކަށަވަރު ވަނީ މާދަމާގެ މެޗުން ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ.