ސ. ހިތަދޫ ވަލުތެރޭގައި ބަނގުރާ ކައްކަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު އެ ރަށުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ 12 ޖަހާ އެހާކަންހާ އިރު އެ ރަށު ވަލުތެރޭގައި ބަނގުރާ ކައްކާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން ގޮސް ބެލިއިރު ބަނގުރާ ކެއްކުމަށް ފަހު ފަސް ސަތޭކަ އެމްއެލްގެ ދެ ފުޅިއަށް އަޅާފައި ހުރި ބަނގުރާ ކަހަލަ އެއްޗެއް ފެނިފައިވާ ކަމަށެވެ.

ހައްޔަރު ކުރި ދެ މީހުންނަކީ އުމުރުން 26 އަހަރާއި 30 އަހަރުގެ ދެ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ސަރައްހަދަކީ އާންމުކޮށް މީހުން ބަނގުރާ ކައްކާ ކަމަށް މަޢުލޫމާތު ލިބޭ ސަރަހައްދެއް ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދުން ދެ މީހަކު ހައްޔަރު ކުރީ އެތަނުގައި ރާ ކައްކާ ކަމުގެ މައުލޫމާތު ލިބިގެން ބެލި އިރު އެ ސަރައްދުގައި އެވަގުތު އެ ދެ މީހުން އުޅުމުން ތުހުމަތު ކުރެވިގެން ކަމަށެވެ.

އާންމުކޮށް ރޭގަނޑުގެ ވަގުތު ތަކުގައި ރާ ކައްކާ އެ ސަރަހައްދުން ރާ ކެއްކުމަށް ބޭނުން ކުރާ އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.