21 Sep 2015, 18:09
ހުޅުމާލޭގައި މޫދަށް އެރި އުޅުނު ސްރީ ލަންކާ ފަތުރުވެރިއަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށެވެ.
އެ ފަތުރުވެރިޔާ ގެނބުނީ ހުޅުމާލެ އިރުމަތީ ފަރާތުގައި ފެތުމަށް ހާއްސަކޮށްފައިވާ ޕްލެޓްފޯމް އަޅާފައިވާ ސަރަހައްދަށެވެ.
އޭނާ ގެނބިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން، އެ ސަރަހައްދުގައި ތިބި ފުލުހުންތަކެއް ވަނީ ފަތާފައި ގޮސް އެ މީހާ މޫދުން ނަގާފަ އެވެ.
"އަޅުގަނޑުމެންނަށް ރިޕޯޓް ކުރިތާ ދެ މިނިޓް ތެރޭގައި ފުލުހުން ވަނީ އޭނާ މޫދުން ނަގާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފަތުރުވެރިޔާއަށް ފުރަތަމަ އެހީ ދޭން ފެށުމަށްފަހު ޓްވިޓާގައި ފުލުހުން އާންމު ކުރި ފޮޓޯއިން ފެންނަ ގޮތުގައި އޭނާއަށް ފުރަތަމަ އެހީ ދޭން ފަށާފައި ވަނީ މޫދުގައި އަޅާފައިވާ ޕްލެޓްފޯމް މަތީގަ އެވެ. ފުލުހުން އޭނާއަށް ފަރުވާދިނުމުގައި އަވަދިނެތި އުޅޭއިރު އެ ސަރަހައްދު މޫދުގައި ކުދިބޮޑު ގިނަ ބަޔަކު ތިއްބާ ފޮޓޯއިންފެނެ އެވެ.
ހުޅުމާލެ ފެތުމަށް ހާއްސަކޮށްފައިވާ ޕްލެޓްފޯމް އަޅާފައިވާ ސަރަހައްދު ބޮޑު ދިޔާގައި 20-15 ފޫޓަށް ފުން ވާނެ އެވެ.