ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމާ ބެހޭ އުސޫލެއް އާންމުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަން ފެށި އުސޫލުގައި ބުނާގޮތުން އެފަދަ ފަރާތެއްގެ މައިންބަފައިން ނުވަތަ ބަލަދުވެރިވާ ފަރާތެއް އެ މީހަކާ ހަވާލުވާން އެއްބަސްވެއްޖެ ނަމަ ނުވަތަ އެފަދަ ފަރާތެއްގެ ގާނޫނީ ބެލެނިވެރިކަން އެހެން ފަރާތަކުން ހޯދައިފި ނަމަ އެފަދަ ފަރާތްތަކާ ހަވާލުކުރާނެ އެވެ. އެހެންކަމުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ ދާއިމަކަށް ނޫނެވެ.

އެ އުސޫލު ބުނާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް މީހަކު ނުވަތަ ކުއްޖަކު ގެންދެވޭނީ ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާކޮށްގެންނާއި މައިންބަފައިން ނުވަތަ ބަލަދުވެރިން ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާތީ އެހީއަށް ބޭނުންވާ ފަރާތްތަކާއި ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން އަޅާލާނެ މީހަކު ނެތް ކުދިންނެވެ.

އޭގެ އިތުރުން ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މުޖްތަމައުގައި ނުގެންގުޅެވޭ މިންވަރަށް ބަލި މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުންގެ ތެރެއިން ޝަރުއީ ބަލަދުވެރިން ނެތް މީހުން ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

އެ އުސޫލުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ފަރާތްތައް ބައިތިއްބާނީ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ އިތުރުން އަމާން ހިޔާ އަދި ކ. މާފުށީގައި ހުންނަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގަ އެވެ.