ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ސަރުކާރުން ހަވާލުކޮށްފައި އޮތް، ޕިކްނިކް އައިލެންޑް، ވ. އާރަށް އޭނާގެ އަތުން ވަކިކޮށްފި އެވެ.

ވ. ފެލިދޫ ދާއިރާ ރައީސް އިބްރާހީމް ނިޔާޒު މިއަދު ސަން އަށް ވިދާޅުވީ ވ. ތިނަދޫ ކައިރީގައި އޮންނަ ރަށް ވަކިކޮށް، ފުރަތަމަ އަތޮޅު ކައުންސިލާ ހަވާލު ކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހުން ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލު ކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ފަހުން އަންގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވ. އާ ރަށަކީ ސީދާ ތަސްމީން އަލީ އަށް ދީފައިވާ ރަށެއް ނޫނެވެ. ނަމަވެސް އެ ރަށަކީ ތަސްމީނުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށްދީފައި އޮންނަ ރަށެކެވެ. އެ ރަށް މިހާތަނާ ޖެހެންދެން ވެސް ބޭނުން ކުރަމުން އައީ ތަސްމީންގެ އާއިލާ އިން ޗުއްޓީ ހޭދަ ކުރުމަށް ބޭނުންކުރާ ރަށެއްގެ ގޮތުގަ އެވެ. އެ ރަށް ވަކި ކުރީ އެގްރީމަންޓާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ މިހާރު ވަނީ ކޯޓަށް ވައްދައިފައި ކަމަށް ސަން އަށް މައުލޫމާތު ދިން ތަސްމީން އާއިލާގެ މެމްބަރަކު ވިދާޅުވި އެވެ. އަދި އެ ރަށުން ނުފައިބާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވ. އަތޮޅު ރަށެއްގެ ކައުންސިލް މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ސަން އަށް ވިދާޅުވީ އާ ރަށުގެ އިތުރަށް "ވަށުގިރި" ކިޔާ ރަށެއް ވެސް ޓޫރިޒަމް މިނިސްޓްރީ އިން ވަކިކޮށް، އެހެން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ރަށްރަށް، އެ އަތޮޅަށް މަންފާ ނުލިބޭ ގޮތަށް އެ އަތޮޅު ނޫން ބަޔަކަށް ދިނުމުން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ރަށް ރަށާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.