21 Sep 2015, 16:04
އެމީ އެވޯޑްސްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކަޅު ނަސްލުގެ އަންހެނަކަށް "އައުޓްސްޓޭންޑިން އެކްޓްރެސް އިން އަ ޑްރާމާ ސީރީޒް"ގެ އެވޯޑު ލިބިއްޖެ އެވެ.
ރޭގެ 67 ވަނަ ޕްރައިމްޓައިމް އެމީ އެވޯޑް ހަފްލާގައި އައުޓްސްޓޭންޑިން އެކްޓްރެސްގެ އެވޯޑު ލިބިފައިވަނީ "ހައު ޓު ގެޓް އަވޭ ވިތު މާޑާ"ގައި އެނަލީސް ކީޓިންގެ ރޯލުން ފެނިގެންދާ ވަޔޮލާ ޑޭވިސް އަށެވެ.
ކަޅު ނަސްލުގެ އަންހެނަކަށް ވޭތުވެ ދިޔަ އަހަރުތަކުގައި އެ ކެޓަގަރީން އެވޯޑެއް ލިބިފައި ނުވި ނަމަވެސް ގިނަ ބަޔަކު ވަނީ ނޯމިނޭޓު ވެފައެވެ. އެގޮތުން 80' ގެ އަހަރުތަކުގައި ދެއްކި ޝޯއެއް ކަމަށްވާ "ފޭމް"ގެ ޑެބީ އެލެން ވަނީ ހަތަރު ފަހަރަކު އެ ކެޓަގަރީން ނޯމިނޭޓު ވެފައެވެ. އޭގެ އިތުރުން "ސްކޭންޑަލް"ގެ ކެރީ ވޮޝިންޓަން ގެ އިތުރުން "އެމްޕަޔާ"ގެ ޓާރާޖީ ޕ. ހެންސަން ވެސް ވަަނީ އެ ކެޓާގަރީން ނޯމިނޭޓް ވެފައެވެ.
އެވޯޑު ނެގުމަށްފަހު ވާހަކަ ދައްކަމުން ޑޭވިސް ބުނީ ކަޅު ނަސްލުގެ މީހުންނަށް ލިބިފައި ނުވާ ރޯލަކުން އެކަކަށްވެސް އެވޯޑެއް ނުލިބޭނެ ކަމަށެވެ. އެގޮތުން "އެހެން އަންހެނުންނާއި ކުލައިގެ އަންހެނުންނާ ހަމައެކަނި ތަފާތުވާ ތަންކޮޅަކީ ލިބޭ ފުރުސަތުގެ މިންވަރު" ކަމަށް ޑޭވިސް ރޭގައި ބުންޏެވެ.
ވޭތުވެ ދިޔަ 66 އަހަރު ކުރިން ފެށިގެން ދެމުން އަންނަ އެ އެވޯޑަށް ކަޅު ނަސްލުގެ އަންހެނުން ނޯމިނޭޓު ވަމުންދާ އަދަދު އިތުރުވުމަކީ އެމެރިކާގެ ޓީވީ އިންޑަސްޓްރީގައި ނަސްލުގެ "ޑައިވާސިޓީ" ފުޅާ ވެގެން ދާ ކަމުގެ ހެއްކެކެވެ.
މިއަހަރުގެ އެމީ އެވޯޑުގެ އައުޓްސްޓޭންޑިން އެކްޓްރެސް އިން ޑްރާމާ ސީރީޒްގެ ކެޓެގަރީން ނޯމިނޭޓް ވެފައިވަނީ "އޯފަން ބްލެކް"ގެ ޓަޓިއާނާ މަސްލާނީ އާއި "ހޯމްލޭންޑް"ގެ ކްލެއާ ޑޭންސް އާއި "އެމްޕަޔާ"ގެ ޓަރާޖީ ޕ. ހެންސަން އާއި "މޭޑް މެން"ގެ އެލިޒަބެތު މޮސް އަދި "ހައުސް އޮފް ކާޑްސް"ގެ ރޮބިން ރައިޓް އެވެ.
ކުޑަ ސްކްރީނުގައި އަޅުވާ ސީރީޒްތަކާއި ޝޯތަކުގެ އިތުން މިނީ ސީޒީ އަދި ފިލްމުތަކުގެ އަގު ވަޒަން ކުރުމަށްޓަކައި ދޭ އެމީ އެވޯޑްސް ފުރަތަމަ ދޭން ފެށި 1949 ގައެވެ.