ގއ. ގެމަނަފުށީ ސްކޫލްގައި ދަރިވަރުންގެ ކިޔެވުމަށް ހުރަސްއެޅޭ ފަދަ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެކަންތައްތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދިނުމަށް އެދި ގެމަނަފުށީ ސްކޫލް ބޯޑުން މަތިދެކުނު ޕްރޮވިންސްގެ ގައުމީ އިދާރާ އަށް ސީޓީއެއް ފޮނުވައިފި އެވެ.

ގެމަނަފުށީ ސްކޫލް ބޯޑުގެ ޗެއާޕާސަން މުހަންމަދު ހަނީފް ސޮއި ކުރައްވައި ގައުމީ އިދާރާ އަށް އިއްޔެގެ ތާރީހުގައި ފޮނުވާފައިވާ އެ ސިޓީގައި އެ ސުކޫލަށް އެންމެ ބޮޑަށް ދިމާވެފައިވާ އަށް މައްސަލައެއް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ސުކޫލްގައި ސައިންސް ލެބޯޓްރީއެއް ނެތުމެވެ. އެގޮތުން އެ ސިޓީގައި ބުނަނީ "ސައިންސް ލެބޯޓްރީއެއް ނެތުމުގެ ސަބަބުން މިދިޔަ އަހަރު އޯލެވެލް ހެދި ކުދިންގެ ތެރެއިން ސައިންސް ސްޓްރީމުން ފާސްވީ އެންމެ ކުއްޖެއް" ކަމަށެވެ.

ތިން ސޮފްހާގެ އެ ސީޓިގައި މެދު ދެކުނު ޕްރޮވިންސް ހިންގުމާ ހަވާލުވެ ހުންނެވި މުހަންމަދު ޝަކީލްގެ ކިބައިން އެދިފައި ވަނީ ސުކޫލްގައި އެކަށީގެންވާ އަދަދަށް ކުލާސްރޫމްތައް ނެތުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ އާލާތްތަކާއި އެކަމަށް ބޭނުންވާ ފަންނީ މީހުން ނެތުމާއި އަދި ލައިބްރަރީގެ ހިދުމަތް ވެސް އެ ސުކޫލުން ލިބެން ނެތުމުން އެކަމަށް އަވަސްހައްލެއް ހޯއްދަވައި ދިނުމަށެވެ.

އެކަށީގެންވާ އަދަދަށް ޓީޗަރުން ނެތް މައްސަލަ ވެސް ސްކޫލް ބޯޑުން ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން އަތޮޅު ފެންވަރުގައި ބާއްވާ ގުރުއާން މުބާރާތްތަކުން އެ ސްކޫލްގެ ދަރިވަރުންނަށް ރަނގަޅު ވަނަތަކެއް ނުލިބެނީ ގުރުއާން ޓީޗަރަކު ނެތުމުން ކަމަށް ވެސް ސްކޫލް ބޯޑުން ބުނެ އެވެ.

ގެމަނަފުށީ ސުކޫލް ބޯޓުން އެ ސިޓީގައި މަތިދެކުނުގެ އެޑިއުކޭޝަން ޔުނިޓު ހިންގުމާ ހަވާލުވެ ހުންނެވި ޝަކީލްގެ ކިބައިން އެކަންތައްތައް ހައްލުކުރުމަށް އެދެމުން ބުނެފައި ވަނީ "...މި ސީޓީގައި ފާހަގަކުރެ މައިގަނޑު އަށް ނުގުތާގެ މައްޗައް މަނިކުފާނުގެ 'އިންސާފުގެ ތިލަފަތުން' ބައްލަވައި ދިވެހި ގައުމީ ދިދައިގެ ކުލައިން ޖަވާބެއް ދެއްވުމަށް" އެދޭ ކަމަށެވެ.

މަތިދެކުނު ސަރަހައްދުގެ އެޑިއުކޭޝަން ޔުނިޓް ހިންގުމާ ހަވާލުހުންނެވި ޝަކީލް މިއަދު ވިދާޅުވީ ސްކޫލް ބޯޑުން ފާހަގަ ކޮށްފައިވާ މައްސަލަތައް ބަލައި އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އެ ސިޓީގައި ހުރި ކަންތައްތަކަކީ މީގެ ކުރިން ވެސް އަޅުގަނޑުމެން ހައްލުކުރަން މަސައްކަތް ކުރާ ކަންތައްތައް. އަބަދު ވެސް އެފަދަ މައްސަލަތައް ހައްލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ޝަކީލް ވިދާޅުވި އެވެ.

ގެމަނަފުށީ ސްކޫލަކީ 348 ކުދިން ތައުލީމް ހާސިލްކުރާ ސުކޫލެކެވެ.