21 Sep 2015, 15:43
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ޓައުނެއް ކަމަށްވާ ކަޓްނީގެ މަގެއްގައި ކޮނެފައި ހުރި ވަޅުގަނޑެއްގެ ތެރެއަށް ވެއްޓުނު މީހަކު އެ ވަޅުގަނޑުތެރޭގައި އޮއްވައި މަގުހަދާ މީހުން އޭނާގެ ގައިމަތިން ތާރުއަޅައިފި އެވެ.
އުމުރުން 45 އަހަރުގެ ލަޓޮރީ ލާލް ގެއްލިގެން މިދިޔަ ހުކުރު ދުވަހު އެ އަވަށުގެ މީހުން އޭނާ ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައި ވަނީ، އޭރު އަދި ރަނގަޅަށް ނުހިކި ހުރި ތާރުތަކުގެ ދަށުގައި ފިސްފިސްވެފައި އޮއްވަ އެވެ. ތާރުތަކުގެ ތެރޭން މައްޗަށް އަރާފައި ވަނިކޮށް އެންމެ ފުރަތަމަ ފެނުނީ ލަޓޮރީ ލާލްގެ ގަމީހުގެ ބައެކެވެ.
އެންޑީ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަދަމުން ދިޔަ މަގުގައި ހުރި ވަޅުގަނޑަކަށް ލަޓޮރީ ލާލް ވެއްޓިފައި ވަނީ އޭނާ ރާބޮއިގެން ގެއަށް ދިޔަ މަގުމަތީގަ އެވެ. އަދި މަގުހަދަމުން ދިޔަ މީހުން އެ ވަޅުގަނޑުގެ ތެރެއަށް ތާރުއަޅައި ރޯލަރުން އެތަން އެއްވަރުކޮށް ހެދި އިރު އެމީހުންނަށް އެ ވަޅުގަނޑުގައި މީހަކުއޮތްކަން ފާހަގަކުރެވިފައި ނުވާކަމަށް ވެސްވެ އެވެ.
ލަޓޮރި ލާލްގެ ކުދިކުދިވެފައިވާ ހަށިގަނޑު ތާރުތަކުގެ ދަށުން ފެނުމާ އެކު އެ އަވަށުގެ ރައްޔިތުން ވަނީ ރުޅިއައިސްގެން މަގުތައް ބަންދުކޮށް މަގުހެދުމުގެ މަސައްކަތްކުރަމުން ދިޔަ ފަރާތްތަކާ ކުރިމަތިލައި މުޒާހަރާކުރަން ފަށައިފަ އެވެ.
މަދްޔަ ޕްރަދޭޝްގެ ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ، ލަޓޮރީ ލާލް އާއި އޭނާގެ އަންހެނުން ހުކުރު ދުވަހު ބޭރަށް ދިއުމަށް ފަހު އެ ދެމީހުންގެ ދޭތެރޭގައި ހިނގި ޒުވާބަކަށް ފަހު އެރޭ 8 ޖަހާކަންހާއިރު ލަޓޮރި ލާލު އެކަނި އެނބުރި ގެއަށް ދިޔަ މަގުމަތީގައި ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފެށީ އޭނާގެ އަންހެނުން އެނބުރި ގެއަށް އައި އިރު، ގޭ ދޮރު ތަޅުލާފައި ހުރުމުން ކަމަށެވެ.
އަވައްޓެރިންނާއި އެ އަވަށުގެ އެހެން މީހުން ގުޅިގެން ޓޯޗުބައްތި ފަދަ ތަކެތި ހިފައިގެން ނުކުމެ ލަޓޮރީ ލާލް ހޯދަމުން ދަނިކޮށް މަގުގައި އަޅާފައިވާ ތާރުތަކުގެ ތެރޭން އޭނާގެ ގަމީހުގެ ބައެއް ފެނުމުން އެ މީހުންނަށް އޭނާ، މަގުހަދާ ރޯލަރުގެ ދަށުވެ ޗިސްޗިސް ވެފައިވާ ކަން އެނގުމުން ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެ ރުޅިވެރިކަން ފާޅުކުރި ކަމަށް އެންޑީ ޓީވީން ބުންޏެވެ.
މަދްޔަ ޕްރަދޭޝްގެ ފުލުހުން ބުނީ، އެ ހާދިސާގައި މަރުވި ލަޓޮރީ ލާލުގެ އާއިލާއަށް ފުރިހަމަ ބަދަލު ހޯދައިދޭނޭ ކަމަށް ކަމާގުޅޭ އިދާރާތަކުން ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން މަސައްކަތު މީހަކާއި ޑްރައިވަރެއް ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.