21 Sep 2015, 14:42
ޅ. ކަނިފުށި ރިސޯޓުގެ ފަޅުތެރޭގައި އަޅާފައި އޮއްވައި ރޭ ފެތުނު ޓީއެމްއޭގެ ސީޕްލޭން އެ ރިސޯޓުގެ އެއްގަމަށް އަރުވައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ކަނިފުށިން ސަން އަށް ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ބޯޓު އެ ރިސޯޓުގެ އެއްގަމަށް މިއަދު އެރުވީ ޓީއެމްއޭގެ އިންޖީނިއަރުން މިއަދު އެ ރަށަށް ގޮސް ކަމަށެވެ
ޭއޭނާ ބުނީ ޕްލެޓްފޯމް ކައިރީގައި އަޅާފައި އޮތް ބޯޓު ފެތޭ ކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު ކަމަށެވެ. އަދި އެ ގަޑިއަކީ ވަރަށް ބޮޑަށް ވައިގަދަވި ގަޑިއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ޓޫރިސްޓުން އަރުވައިގެން އިއްޔެ އެ ބޯޓު އެ ރަށުން ނައްޓާލަން އުޅެނިކޮށް، ވައިގަދަވެ، ކަނޑުގަދަކަމުން ބޯޓުގެ އެއް ކަނދު ޕްލެޓްފޯމްގެ ދަށަށް ވަން ކަމަށާއި އަދި ހިސާބަކަށް ކަނދަށް ގެއްލުންވި ކަމަށެވެ.
އަދި އެ ހާދިސާ އަށް ފަހު ޓޫރިސްޓުންނާއި އެ ނޫން ފަސިންޖަރުން ބޯޓުން ބޭލުމަށް ފަހު އެ މީހުން އެއާޕޯޓަށް ގެނައީ ޓީއެމްއޭގެ އެހެން ބޯޓެއްގައި ކަމަށެވެ. އަދި ބޯޓު ފެތުނީ ކަނދު ކައިރީގައި އަޅާފައި ވަނިކޮށް ކަމަށެވެ.