މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ހުރި ދިވެއްސަކު އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ މައްކާގައި ނިޔާވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް މިއަދު ސަން އަށް ވިދާޅުވީ ރޭ މެންދަމުން އަލިވެ، ތިނެއް ޖަހާ އެހާކަން ހާއިރު ނިޔާވެފައި ވަނީ އދ. މަހިބަދޫ، ވީވަރު ޤާސިމް މުޙައްމަދު،77، ކަމަށެވެ.

އޭނާ ނިޔާވީ މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަތާ ތިން ދުވަސްވެފައިވަނިކޮށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު މިއަދު ސަން އަށް ވިދާޅުވީ ނިޔާވި މީހާއަކީ ދުވަސްވީ މީހެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޙައްޖަށް ވަޑައިގަންނަވާ ބޭފުޅުން ކުރިއަށް އޮތް ތަނުގައި ވެސް ސިއްހީ ރިޕޯޓް މިނިސްޓްރީއަށާއި ޙައްޖު ގްރޫޕަށް އެންގެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"... ޚާއްސަކޮށް ދާއިމީ ބައްޔަކަށް ފަރުވާ ހޯއްދަވާ ނަމަ ހައްޖަށް ދިޔުމުގެ ކުރިން އެކަން ޙައްޖު ގްރޫޕަށާއި މިނިސްޓްރީއަށް އެންގެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.