ހޯމް މިނިސްޓަރު ކަމަށް ޑިސެމްބަރު 11، 2010 ގައި އައްޔަން ކުރެއްވި ހަސަން އަފީފަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދިނުމާ އެކު އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ހަރުދަނާކޮށް، ދިވެހި މުޖުތަމައު އަމާންވެއްޓަކަށް ހެދުމަށް ފުލުހުންނަށް ތަމްރީނުތައް ދިނުމަށާއި ޖަލުތަކުގެ ހާލަތު ރަގަނޅު ކުރާނެ ކަމަށް ހަސަން އަފީފު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ހޯމް މިނިސްޓްރީގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވެ، މީގެ ތިން މަސް ކުރިން ހޯމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ހަސަން އަފީފު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގާނޫނުތައް ދެމެހެއްޓޭނީ ފުލުހުންނަށް ފަންނީ ތަމްރީނުތައްދީ ވަސީލަތްތައް އިތުރުކޮށްގެން ކަމަށެވެ. އެ ގޮތުން ފޮރެންސިކް ތަހުގީކުތަކުގައި ކުރިއެރުން ހޯދައިދީ، ފުލުހުންގެ ޕްރޮފެޝަނަލިޒަމް އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޓަލިޖެންސް ފޮރެންސިކް އަދި ތަހުގީގު ދާއިރާ އިން ފުލުހުންނަށް އިތުރު ކުރިއެރުންތަކެއް ހޯދައިދީ، މިދާއިރާތަކުގައި ފުލުހުންގެ ޕްރޮފެޝަނަލިޒަމް އިތުރު ކުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް އަހުމިއްޔަތުކަން ދޭނަން."

ފުލުހުންގެ ދައުރު އަދާ ކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފާހަގަކުރައްވައި އަފީފު ވިދާޅުވީ ދިވެހި މުޖުތަމައު އަމާން ވެއްޓަކަށް ހެދުމަށް ހުރި މުހިއްމު ބިލްތަކެއް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ތަހުގީގީ މަރުހަލާތަކުގަ އާއި ކުށްވެރިންނަށް އަދަބު ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތި ވަނީ މުހިއްމު ގާނޫނުތަކަށް ވުޖޫދައް އައިސްފައި ނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަމާން ވެއްޓެއް ގާއިމް ކުރުމުގެ ބިލްތަކެއް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި. އެ ގާނޫނުތައް ފާސްވެގެން ތަސްތީގު ކުރެވިގެން ނޫނީ އަޅުގަނޑުމެންނަށް މަސައްކަތް ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި. އެ ގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނާއި ހެއްކާ ބެހޭ ގާނޫނާއި ހެކިން ހިމާޔަތް ކުރުމުގެ ގާނޫނު ފަދަ މުހިއްމު ގާނޫނުތައް އަވަސްގޮތަކަށް ފާސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އަޅުގަނޑު އެދެން."

ޖިނާއީ އަދުލު ގާއިމް ކުރުމުގައި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އާއި ޝަރުއީ ދާއިރާގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހިބިލިޑޭޝަން ސާވިސް (ޑީޕީއާރުއެސް) ގުޅިގެން ފުލުހުން ކުރަމުންދާ މަސަކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި އަފީފު ވިދާޅުވީ ޖަލުގެ ހާލަތު އިތުރަށް ރަގަނޅުކޮށް ކުށްވެރިން އިސްލާ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޕެރޯލްގެ ދަށުން ދޫކުރާ މީހުންނަކީ ދެވަނަ ފަހަރަށް ކުށްކުށަށް އަރައިގަންނަ ބަޔަކަން ވާން ބޭނުން ނުވާ ކަމަށާއި އެ މީހުންނަށް ކައުންސިލިންދޭނެ ކަމަށް ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ޕޮލިސް އެކަޑަމީއެއް ޅ. ދިއްފުށި މާދޫގައި މި އަހަރު ގާއިމް ކުރާނެ ކަމަށާއި އެ އެކަޑަމީން ބައިނަލްއަގުވާމީ ފަރާތަތަކަށް ވެސް ޓްރެއިނިން ދެވޭނެ ކަމަށެވެ. އަދި ޕޮލިސް އެކަޑަމީއެއް ގާއިމްކޮށް، ފުލުހުންނަށް ފަންނީ ތަމްރީނުތަކެއް ދިނުމުން މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވެގެންދާނެ ކަމަށާއި އެ ކަމުގައި ޒިންމާދާރު މުއައްސަސާތަކާއި އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އަފީފު ވިދާޅުވި އެވެ.