21 Sep 2015, 13:32
ސްޕެނިޝް ލީގުގައި ލެވަންޓޭ އަތުން 4-1 އިން ބާސެލޯނާ މޮޅުވި މެޗުގައި މުހިއްމު ދައުރެއް އަދާކުރި ބާސާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް އޭނާއަކީ އަދިވެސް އެހެން ކުޅުންތެރީންނާ އަޅައިބަލާއިރު މާ ކުރީގައި އުޅޭ ކުޅުންތެރިއެއްކަމަށް ބުނެ ބާސާގެ ކޯޗު ލުއިސް އެންރީކޭ މެސީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ބާސާގެ ނޫ ކޭމްޕުގައި ކުޅުނު ފޯރިދަގަ މެޗުގެ ފުރަތަމަ ލަނޑު ބާސާއަށް ކާމިޔާބު ކުރުމުގައި މެސީ ވަނީ މާކް ބާޓްރާއަށް އެހީތެރިވެދީފައެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ނޭމާ ކާމިޔާބުކުރިތާ ފަސް މިނިޓް ފަހުން މެސީ ވަނީ ޕެނަލްޓީއަކުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
އޭގެ ފަހުން ބާސާއަށް ލިބުނު ޕެނަލްޓީން މެސީ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އެހެން ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް މެސީ ވަނީ އޭނާގެ ކޯޗުގެ ފުރިހަމަ އިތުބާރާއި ތައުރީފު ހޯދައިފައެވެ.

މެސީ ލެވެންޓޭ ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: ބާސާ
"މެސީ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް އޭގެ މާނައަކީ އޭނާއަކީ އާދައިގެ އިންސާނެކޭ ނޫން،" މެޗަށް ފަހުދިން ޕްރެސް ކޮންފަރެންސްގައި އެންރިކޭ ބުންޏެވެ.
"މެސީ ވަނީ ދެ ލަނޑު ކާމިޔާބުކޮށް އަދި އިތުރު ލަނޑެއް ޖެހުމުގައި އެހީތެރިވެދީފައި. އަހަރެންގެ ނަޒަރުގައި އޭނާއަކީ ހަމަ ހަގީގަތުގައި ވެސް އިންސާނެއް ނޫން."
މިދިޔަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ބާސާ އާއި ރޯމާ 1-1 އިން އެއްވަރު ވި މެޗުގައި ރޯމާގެ އަލެސަންދްރޯ ފްލޮރެންޒީ 50 ޔާޑު ދުރުން ފޮނުވާލި ބޯޅައެއް ބާސާގެ ގޯލްކީޕަރު މާކް އަންދުރޭ ޓާ ސްޓެގަންގެ ބޯމަތިން ގޮސް ގޯލަށް ވަދެފައިވާ އިރު ރޭގެ މެޗުގައިވެސް ބާސާ ކޮޅަށް ލަނޑެއް ވަދެފައި ވަނީ އޭނާއަށް ހެދުނު ގޯހަކުންނެވެ. އެހެން ނަމަވެސް އެންރީކޭ ވަނީ، ބާސާގެ ޖަރުމަން ކީޕަރުގެ ކުޅުމަށް ހިތްވަރުދީ ވާހަކަދައްކައިފައެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭ: އޭނާ ވަނީ މެސީގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައި -- ފޮޓޯ: ބާސާ
ލެވެންޓޭއާ ދެކޮޅަށް ބާސާއިން ނެރުނު ސްކޮޑްގައި، ޒުވާން ދެ ފޯވާޑުން ކަމަށްވާ މުނީރު އަލް ހައްދާދީ އާއި ސަންޑްރޯ ރަމިރޭޒަަށް ފުރުސަތު ދިނުމުގެ ގޮތުން ލުއިސް ސުއަރޭޒް އާއި އަންދުރޭ އިނިއެސްޓާއަށް އެންރީކޭ ވަނީ ރެސްޓް ދީފައެވެ. އަދި ޒުވާން ދެ ފޯވާޑުން ވެސް ވަނީ އެމެޗުގައި އެކުޅުންތެރީންގެ މުސްތަގުބަލް އުޖާލާކަން ސާބިތުކޮށްދީފައެވެ.
"އަހަރެން ވަރަށް ހިތްހަމަޖެހޭ މުނީރުއާއި ސަންޑްރޯގެ ފަރާތުން ފެނިގެން ދިޔަ ކުޅުމާދޭތެރޭ،" އެންރީކޭ ބުންޏެވެ.
"އެއީ މުސްތަގުބަލުގައި މުހިއްމު ކުޅުންތެރީން. އެއީ އަދި ވަރަށް ޒުވާން ކުޅުންތެރީން . އެހެންކަމުން އެކުޅުންތެރީންނަށް އަދި ފުރުސަތުތައް އޮތީ. އެކުޅުންތެރީންގެ އެހީ އަހަރެމެން ބޭނުންވާނެ، އަދި އެ ކުޅުންތެރީން އަހަރެންމެންގެ ކުރިއެރުމަށް އެހީތެރިވާނެ."