ލެވަންޓޭގެ މައްޗަށް 4-1 ނަތީޖައަކުން ކުރިހޯދައި ސްޕެނިޝް ލީގްގެ ތާވަލްގެ އެއްވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ.

ބާސާގެ އަމިއްލަ ދަނޑު ކޭމްޕް ނޯގައި ކުޅުނު މެޗްގައި އެޓީމްގެ ލަނޑުތައް ކަމިޔާބު ކުރީ މެސީގެ އިތުރުން މާކް ބާޓާއާއި ނޭމާ ޑަސިލްވާއެވެ.

މެޗަށް ނިކުތްއިރު ގިނަ ބަޔަކަށް ހައިރަންކަން ލިބުނީ ބާސާގެ ކޯޗް ލުއިސް އެންރީކޭ އޭނާގެ ޓީމްގެ އެންމެ މުހިންމު ދެ ކުޅުންތެރިންކަމުގައިވާ ކެޕްޓަން އަންދުރޭ އިނިއެސްޓާއީ ލުއިސް ސުއަރޭޒަށް ރެސްޓް ދިނުމަށްފަހު ޒުވާން ކުޅުންތެރިން ކަމުގައިވާ އުމުރުން 20 އަހަރުގެ މުނީރު އަލް ހައްދާދީއާއި ސެންޑްރޯ ރަމިރޭޒްއަށް މެޗުން ފުރުސަތު ދިނުމުންނެވެ.

މެސީއާއި ނޭމާ އާއެކު އެޓޭކިން ލައިންގައި މުނީރު ކުޅުނު އިރު ސެންޑްރޯ އަދާކުރީ އެޓޭކިން ލައިންގެ ސްޓައިކަރެއްގެ ދައުރެވެ.

މެޗު ފެށިގެން ބާސެލޯނާއިން މެޗްގެ ކޮންޓރޯލް ކޮށްގެން ކުޅެމުންދިޔައިރު އެޓީމްގެ ފުރަތަމަ ހަމަލާއިން ލެވަންޓޭގެ ކީޕަރު ރުބެން އީވާން މާޓިނޭޒް ގެ ގޯލަށް ފޮނުވަލަން ލިބުނު ފުރުސަތު މެސީއަށް ގެއްލުނީ އޭނާގެ ކަނާތު ފައިން ފޮނުވާލި ހަމަލާ ރުބެން ސޭވް ކުރުމުންނެވެ.

އޭގެ ހަ މިނެޓް ފަހުން މެޗްގެ ނަތީޖާ ބަދަލުކޮށްލަން ނޭމާއަށް ފުރުސަތު ލިބުނު ނަމަވެސް ގޯލްގެ ވާތް ފަރާތުން ފޮނުވާލި ބޯޅަ ދިޔައީ ފާ ޕޯސްޓްގެ އަރިމަތިން ބޭރަށެވެ.

ބާސާއިން އަވަސް ކުޅުމެއް ކުޅެމުން ދިޔައިރު ކްއުންޓާ އެޓޭކްގައި ހަމަލާ އުފެއްދުމުގެ އެތަށް ފުރުސަތެއް ލެވެންޓޭއަށް ލިބިގެން ދިޔައިރު އެފަދަ ފުރުސަތަކުން ހަމަލާއެއް ތަނަވަސްވީ މެޗްގެ 28 ވަނަ މިނެޓްގައި ލެވަންޓޭގެ އަލްޖީރިއާގެ ގައުމީ ޓީމްގެ ސްޓައިކަރ ނާބިލް ގިލަސްއަށެވެ. ނަމަވެސް އޭނާ އުފެއްދި ހަމަލާ ކާމިޔަބުވާ ގޮތެއް ނުވިއެވެ.

އޭގެ ހަތް މިނެޓްފަހު 35 ވަނަ މިނެޓްގައި ސެންޑްރޯ ތަނަވަސްކޮށްދިން ފުރުސަތަކުން ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް މެސީއަށް ލިބިގެން ދިޔަ ނަމަވެސް އޭނާ ފޮނުވާލީ ހަމަލާ ކީޕަރު ރުބެން ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗްގެ ލަނޑު ލިސްޓްގެ ފުރަތަމަ ނަން ޖެހުމަށް މެސީއަށް ފުރުސަތެއް ތަނަވަސްވެގެން ދިޔައީ ލެވަންޓޭގެ ޕެނަލްޓީ އޭރިއާގެ ބޭރުން ޖޯސޭ އެންޓޯނިއޯ ގާސިއާ (ވާޒާ) ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމެއްގައެވެ.

ނަމަވެސް ލިބުނު ފުރުސަތުތަކުގައި ލަނޑު ނުޖެހުމުން މާޔޫސްވެފައި ހުރި މެސީގެ މޫނުމަތިން އިތުރު ހާސްކަން ފެނުނީ އޭނާ ފޮނުވާލީ ހިލޭ ޖުން ލެވަންޓޭގެ ގޯލް ދަނޑިމަތިން ހަނިގޮތަކަށް ބޭރަށް ދިއުމުންނެވެ.

ދެވަނަ ހާފުގައި ބާސާގެ ކުޅުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި މެޗްގައި ބާސާއަށް ލަނޑު ކާމިޔަބުކޮށް ރުބެން ބަލަހައްޓަމުންދިޔަ ގޯލް ހުޅުވާލަދިނީ މެސީގެ ބުރަމަ މަސައްކަތުން ފޯރުކޯށްދިން ޕާހަކުން ކަނާތު ބެކް ބާޓާ ފޮނުވާލި ބޯޅަ ހޯދަން ކީޕަރު ރުބެން ޑައިވް ކުރިއިރު އެބޯޅަ ގޯލަށް ވަނީ ރުބެންގެ އަތުގައި ޖެހިފައެވެ.

އޭގެ ހަ މިނެޓްފަހުން މެޗްގެ 55 ވަނަ މިނެޓްގައި ލެވަންޓޭގެ ގޯލް ދެ ވަނަ ފަހަރަށް ފޫއަޅުވާލައި ބާސާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އަލްވޭސް ހުރަސކުރި ދިގު ބޯޅަ ނޭމާ ފޮނުވާލުމުން ލެވަންޓޭގެ ޑިފެންޑަރު ފައިން ޖެހުމުން ބޮލޮކުވި ބޯޅަ ދިފާއުކުރަން އަރާތިބި ލެވަންޓޭގެ ދެން ޑިފެންޑަރުންގެ ދެމެދުން ލާފައެވެ.

ބާސާގެ ތިން ވަނަ ލަނޑު 60 ވަނަ މިނެޤޓގައި މެސީ ކަމިޔާބު ކުރީ ނޭމާ ބޯޅަ ހިފައިގެން ލެވަންޓޭގެ ޕެނަލްޓީ އޭރިއަ ތެރެއަށް ވަތް ވަގުތު ލެވަންޓޭގެ ޑިފެންޑަރަކު އޭނާ ފައިން އަލޫވައި ނޭމާ ވައްޓާލިކަމަށް ނިންމައި ބާސާއަށް ދިން ޕެނަލްޓީއެއްގައެވެ.

މެޗްގެ 66 ވަނަ މިނެޓްގައި ލެވަންޓޭގެ ހަމައެކަނި ލަނޑު ކާމިޔަބު ކުރީ ވިކްޓާ ކެސަޑީސަސްއެވެ. އޭނާ މިލަނޑު ކާމިޔަބު ކުރީ ކާމިޔާބު ކުރީ ލެވަންޓޭއިން އުފެއްދި ހަމަލާއެއް ދިފާއުކުރަން ބާސާގެ ކީޕަރު އެންޑްރޭ ޓާސްޓެގަން އެރި ނަމަވެސް އޭނާގެ އަތުގައި ބޯޅަ ނުޖެހުމުން ހުހަށް އޮތް ގޯލްތެރެއަށް ކެސަޑީސަސް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗްގެ 74ވަނަ މިނެޓްގައި ބާސާގެ ނަތީޖާ ފުޅަ ކުރަން މެސީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޕެނަލްޓީ ކަމިޔާބުވާ ގޮތެއްނުވިއެވެ. އެޕެނަލްތީ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.

ރޭގެ ޕެނަލްޓީއަކީ މިޙަތަނަށް މެސީ ޖެހި 81 ޕެނަލްތީގެ ތރެއިން ޏާކަމިޔަބުވި 17 ވަނަ ޕެނަލްޓީއެވެ.

ނަމަވެސް މެޗްގެ 89 ވަނަ މިނެޓްގައި މެސީ ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް 4-1 ނަތީޖާގެ ފަރަގު ފުޅާކޮށްފައެވެ.

މިހާތަނަށް ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް ބާސާ އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ.

ދެވަނައިގައި ދެ ޕޮއިންޓްގެ ފަރަގަކާއެކު 10 ޕޮއިންޓް ލިބިގެން ދެ ވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ.