އަލް ގައިދާގެ ސޫރިޔާ ގޮފި' ޖަބުހަތުއް ނުސްރާ' އާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު މަރުވެއްޖެ އެވެ.

ސޫރިޔާގައި ޖަބުހަތުއް ނުސްރާއާއި ގުޅިގެން ހަނގުރާމަކުރާ ދިވެހިން 'ބިލާދުއް ޝާމް'ގެ ނަމުގައި ފޭސްބުކްގައި ހިންގަމުން އަންނަ ޕޭޖްގައި ބުނެފައި ވަނީ" 'އަބޫ ޔޫޝައު އަލް މާލްދީފީ' "ޝަހީދުވެފައިވާ" ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ އަކީ އުމުރުން 26 އަހަރުގެ އަބްދުﷲ އިރުފާން ކިޔާ މީހެކެވެ.

ބިލާދުއް ޝާމް މީޑިއާ އިން އާއްމުކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި އޭނާ މަރުވީ ސޫރިޔާގެ އިދުލީބް ޕްރޮވިންސްގައިވާ ފޫއާ ނަމަކަށް ކިޔާ ރަށުގައި ހިނގި ހަނގުރާމައެއްގަ އެވެ. އޭނާ މަރުވީ އެހަނގުރާމައިގައި ޒަހަމްވީ މީހަކަށް އެހީތެރިވާން އުޅެނިކޮށް ސްނައިޕާ ހަމަލާއެއް އެރުމުގެ ސަބަބުން ކަން ވެސް އެމައުލޫމާތުތަކުން އެނގެ އެވެ. އޭނާ ސޫރިޔާ އަށް ދިޔަތާ އަދިވީ ކުޑަ ދުވަސްކޮޅެއް ކަމަށް ވެސް ބިލާދުއް ޝާމްގެ ޕޯސްޓްގައި ބުނެފައިވެ އެވެ.

ޖަބުހަތުއް ނުސްރާ އާއި އެ ޖަމާއަތާ ގުޅިފައިވާ އެހެން ޖަމާއަތްތަކުން ފޫއާ އަށް ހަމަލާ ދިނީ މިދިޔަ ހުކުރު ދުވަހު އެވެ. އިދުލީބު ޕްރޮވިންސްގެ ބޮޑު ބައެއް މިހާރު އޮތީ އެޖަމާއަތުގެ ބާރުގެ ދަށުގަ އެވެ.