21 Sep 2015, 11:57
ރެއާލް މެޑްރިޑްގެ ޕޯޗްކީޒުގެ ފޯވަޑް ކްރިސްތިއާނާ ރޮނާލްޑޯ ގެންދަން ފްރާންސްގެ ޕީއެސްޖީ އިން 343 މިލިއަން ޔޫރޯ ހޭދަކުރަން ތައްޔާރުވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި ވިލާތުގެ ސަންޑޭ ޓައިމްސްއިން ބުނެފައި ވަނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި ރޮނާލްޑޯ ގެނައުމަށް 150 މިލިއަން ޔޫރޯ ހުށަހެޅުމަށް ޕީއެސްޖީއިން ތައްޔާރުވަމުންދާ ކަމަށެވެ.
ބިލިއަނެއްގެ ތިން ބައިކުޅަ ބަޔަށްވުރެ ވެސް ބޮޑު އަދަދެއްކަމުގައިވާ 343 މިލިއަން ޔޫރޯ ހޭދަވަނީ ރޮނާލްޑޯ ގެނައުމުގެ ހުރިހާ ކަމެއް ނިމޭއިރު ހުރިހާ ޚަރަދަކަށް ބިނާކޮށް ކަމަށެވެ.
މިދިޔަ ޓްރާންސްފާ ޕީރިއަޑްގައިވެސް ޕީއެސްޖީގެ ވެރިޔާ ގަތަރުގެ ބިލިއަނަރު ނާޞިރު އަލްޚަލަފީ ވަނީ ރޮނޯލްޑޯ ގެނައުމަށް 120 މިލިއަން ޔޫރޯ އަގެއް ހުށަހެޅުމަށް ޕީއެސްޖީގެ މެނޭޖުމެންޓަށް ހުއްދަދީފަ އެވެ.
ނަމަވެސް އެހުށަހެޅުން ޕީއެސްޖީ އިން ރެއާލްއަށް ހުށަހެޅުމުން، އެހުށަހެޅުން ގަބޫލުނުކޮށް އަނބުރާ ފޮނުވާލީ ސީދާ ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕިރޭޒްކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯ ދޫކޮށްލަން ރެއަލުއިން އެއް ބަސްވަނީ އެއް ބިލިއަން ޔޫރޯ އަށެވެ.
ރެއާލުން އިން ރޮނާލްޑޯއަށް ލިބޭ އާންމުދަނީއަކީ ފުޓްބޯޅަ ކުޅުންތެރިޔަކަށް ލިބޭ އެންމެ ބޮޑު އަގެވެ.
އިންކަމް ޓޭކްސްއަށް ކެނޑުމުންވެސް ރޮނާލްޑޯއަށް އަހަރަކު 20 މިލިއަން ޔޫރޯގެ މުސާރައެއް ރެއާލުއިން ރޮނާލްޑޯއަށް ދެ އެވެ.
ދެހާސް ނުވަ ވަނަ އަހަރު ހޫނު މޫސުމުގެ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓަޑުން ރެއާލްއާ ގުޅުނު ރޮނާލްޑޯ އެޓީމަށް ގެނެސްފައި ވަނީ އޭރުގެ ރެކޯޑް އަދަދެއް ކަމަށްވާ 94 މިލިއަން ޔޫރޯ ހުށަހެޅުމަށްފަހު އެވެ.