21 Sep 2015, 10:43
ވޮޝިންޓަން (ސެޕްޓެމްބަރު 21) : އެމެރިކާގެ ރައީސަކަށް މުސްލިމަކު އައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް މަސައްކަތް ކުރައްވާ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާ ބެންކާސޫ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އެންބީސީ ޓީވީ ނެޓްވާކުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބެންކާސޫ ވިދާޅުވީ އެމެރިކާގެ ދަސްތޫރު (ގާނޫނު އަސާސީ) އޮތީ އިސްލާމް ދީނުގެ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށާ އެހެންކަމުން އެމެރިކާގެ ދަސްތޫރާ ޚިލާފު އަގީދާ އެއްކަމަށްވާ އިސްލާމީ އަގީދާއެއް ގެންގުޅޭ މީހަކު އެމެރިކާގެ ވެރިކަމަށް ކުފޫ ހަމަވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމުގަ އެވެ. މި ބަސްދީ ގަތުމުގައި ބެންކާސޫ ވަނީ އެމެރިކާގެ ރައީސް ކަމަށް މުސްލިމަކު އިންތިޚާބު ނުކުރުމަށް އެމެރިކާގެ ރައްޔިތުންގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ.
ބެންކާސޫ އަކީ އެމެރިކާގައި ކުރީގައި އަޅުންގެ ގޮތުގައި ގެންގުޅުނު އެފްރިކާގެ ކަޅު ނަސްލުގެ ބޭފުޅެކެވެ. އަދި އެމެރިކާއަކީ މިހާރު ވެސް އިންސާނުންނާ މުއާމަލާތް ކުރުމުގައި ދޮނާއިކަޅުގެ ތަފާތު ތައް ގެންގުޅޭ ބޯދާ ނަސްލީ އިމްތިޔާޒުގެ ކުލަވަރުތައް އެގައުމުގެ ހުރިހާ މުއައްސަސާއަކުން ވެސް ފެންނަމުންދާ ގައުމެކެވެ. މީގެ އިތުރުން އެމެރިކާއަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެގައުމުން ގެންގުޅޭ އަމިއްލަ ފިކުރާއި އައިޑިޔޮލޮޖީ، ބާރުގެ ބޭނުންކޮށްގެން ބަޑިއާއި ހަތިޔާރުގެ އެހީގައި ދުުނިޔޭގެ ގައުމުތަކަށް ފެތުރުމުގައި ބޯދާ ކޮމިއުނިސްޓުންނާއި އިނގިރޭސިވިލާތް ފަދަ ކުރީގެ އިސްތިޢްމާރީ ބާރުތައް ގެންގުޅުނު އަނިޔާވެރި އުސޫލުތައް ގެންގުޅޭ ގައުމެއްވެސްމެެ އެވެ.
އެމެރިކާގެ މިއަނިޔާވެރިކަން އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާގަށް އަރައިގަތް އަރައިގަތުމުންނާއި އިރާގުގެ އަބޫޣުރައިބު ޖަލާއި ގުއަންޓެނާމޯގައި އެމެރިކާ ހިންގާ ޖަލުން ވެސް ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފަ އެވެ. މިޖަލުތަކުގައި އެމެރިކާ ސިފައިން ވަނީ އައިއެސް ފަދަ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކުން އިންސާނުންނާ ދެކޮޅަށް ހިންގަމުންދާ ފަދަ އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތައް ހިންގާފަ އެވެ. އަދި އިރާގުގައި އައިއެސް އިން ބޮންގޮއްވައިގެން ކުށެއްނެތް މީހުން މަރަމުން ގެންދާގޮތަށް އެމެރިކާ ވަނީ އިރާގާއި އަފްޣާނިސްތާނަށް ބޮން އަޅައިގެންނާއި ޑްރޯނުން ހަމަލާތައްދީގެން ލައްކައަކަށްވުރެ ގިނަމީހުން މަރާލާފަ އެވެ.
މީގެ އިތުރުން އައިއެސްގެ ފަހަތުގައި ވެސް އެމެރިކާ ވާކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށްވަނީ ކުރެވިފަ އެވެ. (މައުލޫމާތު : ނޫސްއެޖެންސީތައް)