ޏ. ފުވައްމުލަކުން މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ރޭ ހޯދަމުން ދިޔަ ދޯނި މިއަދު ސ. ގަމު ކަނޑުގައި އޮއްވައި ފެނިއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން އުޅުނު "ކަނޑު ރޯދި" ގަމު ކަނޑުތެރެ އިން ފެނިފައި ވަނީ މިއަދު ހެނދުނު 07:30 އެހާކަންހާއިރު ކަމަށެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާން މުހައްމަދު މިއަދު ވިދާޅުވީ ދޯނީގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މިއަދު ފެނިފައިވާ އިރު ހުރިހާ އެންމެންގެ ހާލަތު ވެސް ރަނގަޅު ކަމަށެވެ.

ދޯނީގެ ހަބަރެއް ނުވެ ދިޔައީ ނެޓްވޯކް ކަވަރޭޖް ނުލިބޭ ސަރަހައްދެއްގައި އެމީހުންނަށް ތިބެވުމުން ކަމަށް ވެސް އަދުނާނު ވިދާޅުވި އެވެ. އަދި އެ ދޯންޏަށް ވެސް އެއްވެސް ގެއްލުމެއް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަން ކުރާ އެ ދޯނީގެ ހަބަރެއް ނުވެގެން އުޅޭ ކަމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑަށް ރިޕޯޓް ކުރީ ރޭ ގާތްގަނޑަކަށް 08:25 އެހާކަންހާއިރު، ދޯނިން ދަތުރުކުރި މީހެއްގެ ޢާއިލާގެ ފަރާތުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.