22 Mar 2011, 10:41
"ޒައީމް އަޅުގަނޑަށް ކުރައްވާ ތާއީދު ގެންދެވިއަސް ދެން ކުރާނެ އަސަރެއް ނެތް،" މިއީ ޑީއާރްޕީގެ ލީޑާ އަހްމަދު ތަސްމީން އަލީގެ ފަހު ބަސްފުޅެވެ. އޭގެ ފަހަށް ޒައީމް މައުމޫން އަބްދުލް ގައްޔޫމް ވަނީ ތަސްމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފަ އެވެ. މިހާ ހިސާބުން ޑީއާރުޕީގެ މެންބަރުންނާއި އަދި ދިވެހި ރައްޔިތުން ވެސް ތިބީ ތަސްމީން އާއި މައުމޫނާ ދެމެދު ހިނގާ ވަރުގަދަ ސިޔާސީ ހަނގުރާމައިގެ ނިމުން ދެން ފުރޮޅިގެން ދާނެ ގޮތެއްގެ އިންތިޒާރުގަ އެވެ.
ފެންނަ ފެނުމަށް މައުމޫންގެ އަތްދަށުން ޑީއާރުޕީގެ ކައުންސިލް ބީވެ، ލީޑަރު ތަސްމީން އަލީ އާއި އޭނާ ބައިވެރިންގެ މެޝިނަކަށް އެ ކައުންސިލް ވަނީ ވެފަ އެވެ. އެކަން އެންމެ ރަނގަޅަށް ހާމަ ވެގެން ދިޔައީ ޑީއާރުޕީގެ އެންމެ ފަހުގެ ކައުންސިލު ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި މައުމޫން ތަސްމީނަށް ތާއީދު ނުކުރެއްވިއަސް ތަސްމީންއާ އެކު ކުރިއަށް ދިއުމަށް ވަނީ ނިންމައިފަ އެވެ. އެހެންކަމުން ޕާޓީގެ ތެރޭގައި ޒައީމް މައުމޫން މިވަގުތަކަށް ހުންނެވީ "ސިޔާސީ ކަސްތޮޅެއް"ގައި ހައްޔަރުވެފަ އެވެ. ތަސްމީނަށް ތާއީދުކޮށް އެ މަނިކުފާނަށް ހިއްލާލެވުނު އަތްޕުޅުގައި ކަސްތޮޅު އެޅުމުން، ދެން "ޝުކުރިއްޔާ" އޭ ވިދާޅުވެ ޑީއާރުޕީ އާ ފެޔަށް މައުމޫން ޖެހިވަޑައިގެން ފާނެތޯ އެވެ؟
"މައުމޫން އަމާން ދެއްވުމާ ގާތްވެސް ނުވޭ. މައުމޫން، ޕާޓީ ހޯއްދެވުމަށް ކިތަންމެ ގޮތަކުން މަސައްކަތް ކުރައްވާނެ،" މައުމޫން އަރިސް ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތު ކޮށް ވިދާޅުވި އެވެ.
މައުމޫންގެ އަރިސް ބައެއް ބޭފުޅުން އާ ޕާޓީއެއް ވުޖޫދަށް ގެނައުމަށް މައުމޫނަށް ލަފާ އަރުއްވާ ކަމަށް ވެދާނެ އެވެ. އެއާ އެކު އާ ޕާޓީއެއް ހެއްދެވުމަކީ ވަރަށް ކައިރީގައި އޮތް ކަމެއްކަމަށް އަޑު ފެތުރުނަސް ފެންނަ މަންޒަރަށް ބަލާއިރު އެއީ ހަގީގަތަކަށް ވާނެ ކަމަކަށް ނުފެނެ އެވެ.
"ޕާޓީއެއް ހަނދަން އަޅުގަނޑުމެންވާނީ މައުމޫނަށް ލަފާ އަރުވާފައި،" ފަހަކަށް އައިސް މައުމޫން ފެކްޝަނުން މީޑިއާގައި ހަރު އަޑުން ވާހަކަދައްކަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ކައުންސިލް މެންބަރު އަހުމަދު މަހުލޫފް ވިދާޅުވި އެވެ.
އެކަން އެހެން އޮތް ނަމަވެސް ޕާޓީއެއް ހައްދަވަން ތައްޔާރަށް ހުންނެވިކަން މިހާތަނަށް އާއިލާގެ ބޭފުޅަކު ވެސް އަދި މައުމޫން ފެކްޝަންގެ ބޭފުޅަކު ވެސް ވިދާޅުވެފައި ނުވުމުން އެކަމުން ދަލީލު ކުރަނީ މައުމޫން އެކަމުގައި އަދި ގޮތެއް ނިންމަވައިފައި ނުވުމެވެ.
"މައުމޫން ޕާޓީއެއް ހެއްދެވުމަކީ ދުރުކަމެއް. އެއީ އެކަމުން މައުމޫންގެ ތާއީދު ދަށަށް ދާނެ،" ރާއްޖޭގެ ސިޔާސީ މައިދާން ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ އަބްދުﷲ ޝިނާން ވިދާޅުވި އެވެ.
ޑީއާރުޕީއަކީ މައުމޫން ކަމަށް ވިދާޅުވާ މައުމޫން އަމިއްލަ އަތްޕުޅުގައި އެޅުވުނު ކަސްތޮޅުން މިނިވަން ވާނެ ގޮތަކަށް މަސައްކަތްޕުޅު ކުރައްވަން ހުރި މަގުތައް މިވަގުތަށް ބަލާއިރު ފުޅަލެއް ނޫނެވެ. މައިގަނޑު ސަބަބަކީ ޑީއާރުޕީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ކައުންސިލް ތަސްމީންގެ އާއިލީ ބާރުގެ ދަށުގައި އޮތުމެވެ.
މައުމޫން ޕާޓީއަކާ ދިމާލަށް ވަޑައިގަތުމަށް ބަސް ވިދާޅު ނުވާއިރު ޕާޓީތެރޭގައި "އިނގިލާބީ ހަރަކާތެއް" ހިންގަވައި ޕާޓީގެ އެންމެ މަތީ ގުނަން އަމިއްލަފުޅު ކޮންޓްރޯލަށް ގެނައުމަށް މަސައްކަތް ކުރެއްވުމަކީ ވެސް ވެދާނެ ގޮތެކެވެ. އެކަމަށްޓަކައި ސީދާ މައުމޫން ޝާމިލްވާގޮތަށް ކަންތައްތައްތަކެއް ނުކުރެއްވި ނަމަވެސް "އެތީނާ" ސިނަމާ ހުންނަ އިމާރާތުގެ މަތީގައި މައުމޫންގެ ފެކްޝަނުން އެއްވާ އެއްވުމުގައި ސިއްރުތަކެއް ވާނެ އެވެ.
އަޑުތަކާ މަންޒަރުތައް ހުރިގޮތުން ނަމަ އެ މަޝްވަރާތައް ކުރިއަށް ދަނީ އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަން މިހާރު އިއުލާން ކުރައްވާފައިވާ މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ފުރިހަމަ މަޝްވަރާގެ ދަށުންނެވެ. އެގޮތުން ޑީއާރުޕީގެ ކައުންސިލްގެ ކޮންޓްރޯލް ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ރޭވުން އަންނަ ކަމަށް ތަސްމީން ފެކްޝަނުގެ ބައެއް ފަރާތްތައް ތުހުމަތު ވެސް ކުރެ އެވެ.
"މިއީ މިހާރު އިންޓާނަލީ ވަރަށް ގަދައަށް ދައްކާ ވާހަކަ އެއް. އަޅުގަނޑަށް ވެސް އެ އޮފާ އައި،" ޑީއާރުޕީގެ ކައުންސިލް މެންބަރަކު ވިދާޅުވި އެވެ.
ތަސްމީންގެ މެޖޯރިޓީ އޮންނަ ކައުންސިލުން އިތުރަށް ހަތް މެންބަރުން ހޯދުމުން މައުމޫން ފެކްޝަނަށް ފުރިހަމަ މެޖޯރިޓީ ލިބޭނެ އެވެ.
މިއީ ވާހަކައެވެ؛ މައުމޫން ފެކްޝަނުން އަދި އާއިލާގެ ބޭފުޅަކު ވެސް މިއިން ކަމަކަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު ޑީއާރުޕީގެ ކައުންސިލްގެ މެޖޯރިޓީ މައުމޫނަށް ލިބި، ކޮންގްރެސްއެއް ބޭއްވުމަށް ކައުންސިލްގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ތަސްމީންގެ ބާރު ކެނޑުނީ ކަމަށް ހުދު ތަސްމީންގެ ފެކްޝަނުން ވެސް ގަބޫލު ކުރެ އެވެ.
"އޭރުން ތަސްގެ ބާރު ދި އައީ. އޭރުން އެމީހުންގެ ބާރު ގަދަވާނެ،" ތަސްމީން ފެކްޝަނަށް ނިސްބަތްވާ ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.
ނަން ހާމަ ނުކުރާ މަސްދަރުތައް ބުނާ ގޮތުގައި މައުމޫން ޕާޓީއެއް ހެއްދެވުމުގެ ބަދަލުގައި މަސައްކަތް ކުރައްވަނީ ޑީއާރުޕީގެ ކޮންޓްރޯލް ނެގުމަށެވެ.