21 Sep 2015, 09:34
މ. އަތޮޅުގެ ފަރަކަށް މިއަދު ފެތުނީ ކުރީ ދުވަހު، އެ ފަރަށް އެރި ތ. ގުރައިދޫ "ސަވާރީ" ބޯޓް ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ އެ ބޯޓް ފެތުނީ ފުންކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
ސަވާރީ ބޯޓުގެ ވެރިޔާ އަދި ރައްޔިތުންގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު މިއަދު ސަން އަށް ވިދާޅުވީ އެ ބޯޓް އަޑިއަށް ދިޔައީ ނޫން ކަމަށާއި ބޯޓު ފެތުނީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ދެ ރޭ ދެ ދުވާލު ބޯޓު ފަރުމަތީގައި ތެޅުމުގެ ސަބަބުން ބޯޓުގެ ދިރިބާކޮޅުން ހަ ފޫޓު ވަރުގެ ތަންގަނޑެއް ނައްޓައިގެން ގޮސް ފޫގޮސްފައިވާ ކަމަށެވެ.
ހުސައިން މަނިކު ވިދާޅުވީ ބޯޓު މިހާރު ފަރުމަތީން ފޫން ކުރެވިއްޖެ ކަމަށާއި އަދި އޭނާގެ އިތުރު ދެ ދޯންޏެއްގެ އެހީގައި އެ ބޯޓު ތ. ގުރައިދު އަށް ގެންދިއުމަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު މޫސުން ރަނގަޅު ކަމަށާއި އަދި ވައި ވެސް އެހާ ގަދަ ނޫން ކަމަށެވެ. އެހެން ކަމާ އެކު މިއަދު ބޯޓު މ. އަތޮޅު ތުވަރު ބަނދަރަށް ގެންދެވޭ ވަރުވަރު ވާނެ ކަމަށް އޭނާ ވިދާޅުވު އެވެ. އަދި ބޯޓަށް ލިބިފައި ވަނީ ކިހާވަރެއްގެ ގެއްލުމެއްކަން ރަނގަޅަށް އެެނގޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ބޯޓު ރަށަށް ގެންގޮސް އެހެލުމަށް ފަހު ހަފްތާއެއްގެ މަސަައްކަތުން ބޯޓު އަނބުރާ ބޭލޭވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުގެ އަދި އޮންނާނެ ދެ ބުރިއަށް ހަދާފައި އޮންނަ 100 ފޫޓުގެ ދެ އުޅަނދު، އެ ދެ އުޅަނދުގެ ކަފުޖަހައިގެން ބޯޓު އެގެންދަނީ ރަށަށް،" ހުސައިން މަނިކު ވިދާޅުވި އެވެ. "އެ ދޯނި ފަހަރުގައި ހުންނާނެ ކޭކް އެޅެން ވެސް،" ދޯނީގެން ފެންވަރު ބަޔާން ކުރައްވަމުން ހުސައިން މަނިކު ވިދާޅުވި އެވެ.
ހުސައިން މަނިކު ވިދާޅުވީ 179 މީހުންނާ އެކު ދަތުރު ކުރި ބޯޓު ފަރަށް އެރީ މޫސޫން ގޯސްވެގެން ނޫން ކަމަށާއި ބޯޓު ފަރަށް އެރީ ނެރުއެތިގަނޑުގެ ނުބައި ފަރާތަށް ކައްޕި އަށް މިސްރާބުޖެހިގެން ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގައި އޭނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ކޮންމެ ކަމެއް ވެސް ވާނީ އެކަމުގައި ކޮންމެވެސް ރަނގަޅުތަކެއް ވާން އޮތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ބޯޓުން ދަތުރު ކުރި މީސްމީހުން އެ މީސްމީހުންގެ ރަށް ރަށަށް ގެންގޮސްދިނުމާއި އަދި ބޯޓުގައި ހުރި މުދާތައް ސަލާމަތްކޮށްދިނުމަށް ފުލުހުންނާއި އެމްއެންޑީއެފުން ކޮށްދިން މަސައްކަތަށް ޝުކުރުވެރިވާ ކަމަށާއި އެކަމަށް ޓަކައި އެ އިދާރާތަކުގެ ވެރިންނަށް ޝުކުރުވެރިވާ ކަމަށާއި އެ ޝުކުރުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޝާމިލު ކުރައްވާ ކަމަށެވެ.