އެތެންސް (ސެޕްޓެމްބަރު 21) : ގްރީސްގައި އިއްޔެ ބޭއްވި ޕާލަމެންޓްރީ އިންތިޚާބު، އެގައުމުގެ ކުރީގެ ބޮޑުވަޒީރު އެލެކްސީސް ސިޕްރާސް ގެ ޕާޓީން ކާމިޔާބުކޮށްފި އެވެ. އިއްޔެ ބޭއްވި އާންމު އިންތިޚާބުގެ ވޯޓުގެ ހަތަރުބައިކުޅަ ތިންބައި ގުނާފައިވާއިރު ވޯޓުގެ 36 ޕަސެންޓް ލިބިފައި ވަނީ އެލެކްސީސް ސިޕްރާސްގެ "ސިރީޒާ" ޕާޓީ އަށްކަން ވަގުތީ ނަތީޖާއިންވަނީ ހާމަވެފަ އެވެ.

މިކާމިޔާބީއާ އެކު ސިޕްރާސްވަނީ ގްރީސްގެ ރައްޔިތުންނަށް މަރްޙަބާ ވިދާޅުވެފަ އެވެ. އެތެންސްގެ އެންމެ ބޮޑު މައިދާނަށް ނުކުމެވަޑައިގެން ރައްޔިތުންނަށް މަރްޙަބާ ވިދާޅުވަމުން ސިޕްރާސް ވިދާޅުވީ ރައްޔިތުން އޭނާގެ ޕާޓީއަށް ކުރި އިތުބާރަށް ޓަކައި އުފާކުރައްވާ ކަމުގަ އެވެ. އިއްޔެގެ އިންތިޚާބު ބާއްވާފައި މިވަނީ މި އަހަރުގެ ކުރީކޮޅު ބޭއްވި އާންމު އިންތިޚާބަށް ފަސް މަސް ވެފައި ވަނިކޮށެވެ. މިއީ ހަ އަހަރުތެރޭގައި ގްރީސްގައި ބޭއްވި ފަސް ވަނަ އިންތިޚާބެވެ. އަވަސް އަވަހަށް އިންތިޚާބު ބާއްވަންޖެހިފައި ވަނީ ގްރީސްއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކާ ގުޅިގެންނެވެ.

މިއަހަރުގެ ކުރީކޮޅު އެކުލަވާލި ސިޕްރާސްގެ ސަރުކާރުން ވަނީ ގްރީސްގެ ދަރަނީގެ މައްސަލަތައް ހައްލުކުުރުމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ހުށަހެޅި ހުށަހެޅުން ގަބޫލުނުކޮށް އެހުށަހެޅުމާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓެއްނަގާފަ އެވެ. މިވޯޓު ގައި ގްރީސްގެ ރައްޔިތުންގެ ގިނަބަޔަކު ވޯޓު ދީފައިވަނީ ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ހުށަހެޅި ހުށަހެޅުން ގަބޫލުނުކުުރުމުގެ މައްޗަށެވެ. އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ގްރީސްއަށް ކުރިން ކުރިމަތިކުރި ފިއްތުންތަކަށް ވަނީ ބޮޑުލުޔެއް ލިބިފަ އެވެ. މިވޯޓަށް ފަހު ސިޕްރާސްގެ ސަރުކާރުން ޔޫރަޕަށާއި ބައިނަލްއަގްވާމީ އެހެން މާލީ އިދާރާތަކަށް ހުށަހެށި ޚަރަދު ކުޑަކުރުމުގެ ޕްލޭންތައް އެފަރާތްތަކުން ވަނީ ބަލައިގެންފަ އެވެ. މިއާއެކު ގްރީސްގެ ދަރަނީގެ މައްސަލަތައް ހައްލުކުރުމުގެ ލޯނުތައް މިހާރުވަނީ އެގައުމަށް ލިބެންފަށާފަ އެވެ.

މިލޯންތަކާ އެކު ގްރީސްގެ ދަރަނީގެ މައްސަލަތައް ހައްލުކުރެވިދާނެ ކަމުގެ އުންމީދު މިހާރު ވަނީ އާލާވެފަ އެވެ. އިންތިޚާބުގެ ނަތީޖާއަށް ފަހު ސިޕްރާސް ވަނީ ކަނާތު ފިޔައިގެ ޕާޓީއެއްކަމަށްވާ "އިންޑިޕެންޑެންޓް ގްރީކްސް" ޕާޓީއާ ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް އޭނާ ހުންނެވީ ތައްޔާރަށްކަން ހާމަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)