22 Mar 2011, 10:30
ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގެ އަޑުއެހުން ނިންމާލިތާ މަސް ދުވަހަށް ފަހު، އެ މައްސަލަ އަށް ވަރަށް އަވަހަށް ނިމުން ގެންނާނެ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ އިދާރީ އޮފިޝަލަކު ވިދާޅުވީ ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި އެ ކޯޓުގެ ފަނޑިޔާރުން ބައްލަވަމުންދާ ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން "ކައިރި މުސްތަގްބަލެއްގައި" ހުކުމް ކުރައްވާނެ ކަމަށެވެ.
ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލަ ވަރަށް އަވަހަށް ނިންމަވާނެ ކަމަށް ސުޕްރީމް ކޯޓުން ބުނި ނަމަވެސް އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހާ ހަމަ އަށް މައްސަލަތައް ޝެޑިއުލްކޮށްފައިވީ ނަމަވެސް އެ މައްސަލަ އަދި ޝެޑިއުލްކޮށްފައެއް ނުވެ އެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން ހައި ކޯޓުގައި ނުވަ ފަނޑިޔާރުން ތިބެންޖެހެ އެވެ. ނަމަވެސް މިހާރު ހައި ކޯޓުގައި ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެ މައްސަލައިގައި ކުރިން ވިދާޅުވެފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތުގައި ވަރަށް ގިނަ ފަރާތްތަކަށް ގިނަ ދުވަސްތަކެއް ވަންދެން އާދޭސް ދަންނަވާފައިވާ ކަމަށާއި ދެން އިތުރަށް އެފަދަ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.
ހައި ކޯޓުގައި މި ވަގުތު އެންމެ ހަތަރު ފަނޑިޔާރުން ތިއްބެވިއިރު އެ ކޯޓުން ވަނީ އިންތިހާބާ ގުޅޭ 33 މައްސަލައެއް ނިންމައިފަ އެވެ. އިސް ފަނޑިޔާރު ޣަނީ ވިދާޅުވީ އެ މައްސަލަތައް ހައި ކޯޓުން ނިންމާފައި ވަނީ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގައި ވެސް ކޯޓު ހުޅުވައި މަސައްކަތް ކުރައްވައިގެން ކަމަށެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުން ތިއްބެވީ ވަރަށް ވަރުބަލިވެފައި ކަމަށާއި ފަނޑިޔާރުންނަށް "މެންޓަލީ ރެސްޓެއް" ބޭނުންވާ ކަމަށް ވެސް އިސް ފަނޑިޔާރު ވިދާޅުވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓަށް އައްޔަން ކުރާނެ ފަނޑިޔާރުން ކަނޑައެޅުމުން އެކަން ގެންގޮސްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވައްދައިފަ އެވެ. އަދި އެ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ސިވިލް ކޯޓުން ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އެ ކޯޓަށް ގެންދަވައި ބަލަން ފަށައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުން ވެސް ވަނީ އެ ކޯޓުން ނިންމައިފަ އެވެ.
ހައި ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ނިންމާލި ދުވަހު (ފެބްރުއަރީ 10) ގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވެފައި ވަނީ އެ މައްސަލައަކީ މުޅި ޖުޑިޝަރީ އަދި ޖުޑިޝަރީގެ މަސައްކަތް ކުރައްވާ ހުރިހާ ފަނޑިޔާރުންނާ ގުޅިފައިވާ ނާޒުކު މައްސަލައެއް ކަމަށެވެ.
ހައި ކޯޓަށް ޖޭއެސްސީން ކަނޑައެޅި ފަނޑިޔާރުންނަކީ ސިވިލް ކޯޓުގެ އިސް ގާޒީ އަލީ ސަމީރާއި އެ ކޯޓުގެ ރަޖިސްޓްރާ އަބްދުއްރައޫފް އިބްރާހިމާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީ ޝުއައިބު ހުސެއިން ޒަކަރިއްޔާ އާއި ޑރ. އަޒްމަރިލްދާ ޒާހިރާއި ވަކީލު އައްބާސް ޝަރީފެވެ.