އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ސައުތެހެމްޓަނާ ބައްދަލުކޮށް 3-2 ގެ ނަތީޖާއަކުން ހަނިގޮތަކަށް މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު އަމިއްލަ ދަނޑުގައި ވާދަވެރި ލިވަޕޫލުން ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅެ 1-1 ނަތީޖާއަކުން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ސައުތުހެމްޓަންގެ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އެޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބު ކުރީ ގުރާޒިއާނޯ ޕިއްލޭއެވެ. މި މެޗްގައި ފުރަތަމަ ލީޑް ނެގީވެސް ސައުތުހެމްޓަނުންނެވެ.

އެގޮތުން ސައުތުހެމްޓަންގެ ފުރަތަމަ ލަނޑު ޕިއްލޭ ކާމިޔާބު ކުރީ މެޗުގެ 13 ވަނަ މިނެޓްގައި ޑުޝަން ތަޑިޗް ހުރަސްކުރި ބޯޅައަކުންނެވެ.

މެންޔޫއިން ނަތީޖާ ހަމަ ހަމަ ކުރީ މެޗްގެ 34 ވަނަ މިނެޓްގައި އެންތޮނީ މާސާލްއެވެ. މެންޔޫއިން ލީޑް ނެގި ލަނޑުވެސް ކާމިޔާބު ކުރީ މާޝާލްއެވެ. މެންޔޫއިން ލީޑް ނެގި ލަނޑު އޭނާ ކާމިޔާބު ކުރީ މެޗްގެ 50 ވަނަ މިނެޓްގައެވެ.

މެންޔޫއާ ސައުތުހެމްޓަން މިރޭ ކުޅުނު މެޗުގައި މެންޔޫގެ ޕިއްލޭ ލަނޑު ޖަހަނީ --- ފޮޓޯ: އޭޕީ

މެންޔޫއިން ނާތީޖާ ފުޅާ ކުރީ މެޗްގެ 68 ވަނަ މިނެޓްގައި ހުވާން މާޓާ ކާމިޔާބު ކުރި ލަނޑުންނެވެ.

މެޗްގެ 86 ވަނަ މިނެޓްގައި ޕިއްލޭ ވަނީ ސައުތުހެމްޓަންގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މި މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު މެންޔޫއިން ތާވަލްގެ ދެ ވަނައިގައި އޮތީ 13 ޕޮއިންޓް ލިބިގެންނެވެ. އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތީ ވާދަވެރި މެންޗެސްޓާ ސިޓީއެވެ.

ސައުތުހެމްޓަން އޮތީ ހަ ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

މީގެ ކުރިން މިދެ ޓީމް 106 ފަހަރު ބައްދަލު ކޮށްފައިވާއިރު މެންޗަސްޓާ ޔުނައިޓެޑުން ވަނީ 54 ފަހަރު މޮޅުވެފައެވެ. އަދި ސައުތްހެމްޕްޓަން 25 ފަހަރު މޮޅުވެފައިވާއިރު މި ދެ ޓީމް މީގެކުރިން ބައްދަލުކުރި މެޗުތަކުގެ ތެރެއިން އެއްވަރުވެފައިވަނީ 27 މެޗުންނެވެ.

ލިވަޕޫލްއާ ނޯވެޗް ސިޓީ މިރޭ ކުޅުނު މެޗްގައި ލިވަޕޫލްގެ ޑެނީއިންގްސް ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

ލީގުގައި މިރޭ ލިވަޕޫލް ދަނޑުގައި ކުޅުނު މެޗް ވަނީ 1-1 ގެ ނަތީޖާއަކުން ނޯވެޗް ސިޓީއާ އެއްވަރުވެފައެވެ.

މެޗްގެ 48 ވަނަ މިނެޓްގައި ޑެނީއިންގްސް ކާމިޔާބު ކުރި ލަނޑުން ލިވަޕޫލުން ލީޑް ނެގިއިރު ނޮވިޗް ސިޓީއިން އެއްވަރު ކުރި ލަނޑު 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރުޒެލް މާޓީންއެވެ.

މިރޭ ޓޮޓެންހަމް ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރިހޯދައި ކްރިސްޓަލް ޕެލަސްގެ ދަށުން ތާވަލުގެ ނުވަ ވަނައަށް ޖެހިލާފައެވެ.