20 Sep 2015, 21:01
ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ މަޝްހޫރު އައިފަލް ޓަވަރަށް ހަމަލާއެއްދޭން އުޅޭ ކަމަށް ބެލެވިގެން އެސަރަހައްދު މިއަދު ބަންދުކުރި ކަމަށް ބައެއް ނޫސްތަކުން ބުނެފިއެވެ.
ނަން ހާމަ ނުކުރާ ފަރަންސޭސި ފުލުހުންގެ މީހަލާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުނީ އައިފަލް ޓަވަރު ބަންދުކުރީ ބޮޑު ދަބަހެއް ހިފައިގެން މީހަކު އެ ޓަވަރަށް އަރާތަން ފެނިގެން ކަމަށެވެ. އެ ހާދިސާއާއި ގުޅިގެން ފްރާންސްގެ އެންޓި ޓެރާ ފުލުހުން އެސަރަހައްދުގައި ހެލިކޮޕްޓަރެއްގައި ހަރަކާތްތެރިވި ކަމަށް ވެސް އެނޫހުން ބުންޏެވެ.
މިއަދު ހެނދުނު ހިނގި އެ ހާދިސާއަށް ފަހު އައިފަލް ޓަވަރަށް ޒިޔާރަތްކުރަން ގޮސް ތިބި މީހުން އެތަނުން ފޮނުވާލައި ޓިކެޓް ކައުންޓަރުތައް ވެސް ބަންދުކުރި ކަމަށާއި މެންދުރު ފަސް ވި އިރު ވެސް އެމީހާ ނުފެންނަ ކަމަށް ވެސް އެނޫހުން ބުންޏެވެ.
އައިފަލް ޓަވަރު ހުންނަ ސަރަހައްދުގައި ބޮމުގެ ހަމަލާ ދޭން އުޅޭ ކަމަށް ބެލެވުނު ގިނަ ހާދިސާތަކެއް ފަހަކަށް އައިސް ހިނގާފައި ވެއެވެ.
އައިފަލް ޓަވަރު މިއަދު ބަންދުކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ޑެއިލީ މެއިލް އިން ވެސް އަދި އެހަބަރު ގެނެސްދިން އެހެން ނޫސްތަކުން ވެސް ޝާއިއުކޮށްފައެއް ނުވެއެވެ.