ފަނޑިޔާރުންގެ އަމަލުތަކާއި ބަސްމަގު ހުރިހާ ހާލަތެއްގައި ވެސް ބަހައްޓަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތަށް ކަމަށް އަދުލް އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތް ކަމަށްވާ ސުޕްރީމް ކޯޓުން ބުނެފި އެވެ.

ހައި ކޯޓުން ނިންމި ނިންމުމަކަށް ތަބާނުވާނެ ކަމަށް ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވެފައި ވަނިކޮށް ސުޕްރީމް ކޯޓުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފަނޑިޔާރުން އަމިއްލަ ހައިސިއްޔަތުންނާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން ވެސް އަދުލް އިންސާފު ގާއިމް ކުރުމުގެ ދާއިރާ މުސްތަގިއްލުކޮށް އަދި މިނިވަންކޮށް ބެހެއްޓުމަށް އަބަދު ވެސް އިސްކަންދޭންޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ އަމަލުތަކާއި ބަސްމަގު ހުރިހާ ހާލަތެއްގައި ވެސް ބަހައްޓަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ފަނޑިޔާރުން، އެބައިމީހުންގެ އަމަލުތަކާއި ބަސްމަގު ހުރިހާ ހާލަތެއްގައި ވެސް ބަހައްޓަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފްނުވާނެ ގޮތެއްގެ މަތިން ކަމަށް ހަނދުމަފުޅުކޮށް އެރުވުމާ އެކު ފަނޑިޔާރުން އެބައިމީހުންގެ ސުލޫކީ މިންގަނޑާ ހިލާފްވެއްޖެ ނަމަ އެފަދަ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ މުއައްސަސާ އިން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށުގެ މަރުހަލާގެ ކޯޓުތަކުން ތަބަވާން ޖެހޭނެ ކަމަށެވެ. އަދި ފަނޑިޔާރުން އަމަލު ކުރަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން މަތީ މަރުހަލާގެ ކޯޓަކުން ނިންމަ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާނުވުން ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފްވުމުގެ އިތުރުން އެއީ ފަނޑިޔާރުންގެ ސުލޫކާ ވެސް ހިލާފް ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާޒީ ނައީމް ވިދާޅުވެފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދަށް ރުހުން ނުދެނީސް ދައުލަތް ހިމެނޭ އެއްވެސް މައްސަލައެއް ނުބައްލަވާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް ހައި ކޯޓުން ނިންމާފައިވާ ކަމަށާއި އެކަމަކު ވެސް ދައުލަތް ހިމެނޭ އެއްވެސް މައްސަލައެއް ނުބަލާނެ ކަމަށް ގާޒީ ނައީމް ވިދާޅުވި އެވެ.

ގާޒީ ނައީމް އެހެން ވިދާޅުވެފައިވާތީ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ ބަލަމުންނެވެ.