20 Sep 2015, 17:48
މާތްވެގެންވާ މަދީނާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނާއި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢުދީ އަރަބިއްޔާއަށް ވަޑައިގެން އުޅުއްވަމުން ރާއްޖޭގެ ދަރިވަރުންނާއި ރައީސް ޔާމީނު ބައްދަލުކުރެއްވީ މަދީނާގައި ހުންނަ މަދީނާ ހިލްޓަން ހޮޓަލުގައި ކަމަށް ރައީސް އަރިހުގައި ޙައްޖަށް ވަޑައިގެން އުޅުއްވާ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި އެވެ. އެ ބައްދަލުވުމުގައި ރައީސް އަރިހުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެމްބަރު ޢަހުމަދު ސިޔާމް މުޙައްމަދާއި އެ ޕާޓީގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މައުރޫފެވެ.
ރައީސް ޔާމީނުގެ ދެކަނބަލުން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްޓަކައި ސައުދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތިދުވަހު އެވެ.