20 Sep 2015, 17:18
މާތްވެގެންވާ މައްކާގައި ހުރި ގެއަކަށް ފަރުބަދައެއްގެ ބައެއް ވެއްޓުމުގެ ސަބަބުން ދެ މީހަކު ޒަހަމްވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު ކާނަލް ޢަބުދުﷲ އަލް އުރާބީ އަލް ޙާރިސީއާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ އެހާދިސާ ހިނގީ ހުކުރު ދުވަހުގެ ރޭ 10.36 އެހާކަށް ހާއިރު ކަމަށެވެ. އަދި ބުނީ އެ ހާދިސާގައި ޒަހަމްވީ އަންހެނަކާއި ފިރިހެނަކަށް ކަމަށެވެ.
ހާރިސީ ވިދާޅުވެފައި ވަނީ ބާސާ ޤުރައިޝް ނަމަކަށް ކިޔާ ސަރަހައްދުގައިވާ ހަތަރު ބުރީގެ އިމާރާތުގެ މައްޗަށް (ފަރުބަދައިން) ކަނޑައިގެން ގޮސް ވެއްޓުނު ބިންގަނޑުގެ ސަބަބުން އެއިމާރާތުގެ ސީލިން ވެއްޓިފައިވާ ކަމަށެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މިއަހަރުގެ ހައްޖު މޫސުމުގައި މައްކާގައި ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ޙަރަމްފުޅުގެ ތެރެއަށް ކްރޭނެއް ވެއްޓުނު ހާދިސާއަކާއި ހޮޓަލެއްގައި އަލިފާން ރޯވުމުގެ ހާދިސާއެއް ކުރިން ވަނީ ހިނގާފައެވެ. ޙަރަމްފުޅުގެ ތެރެއަށް ކްރޭން ވެއްޓުނު ހާދިސާގައި 107 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވިއެވެ.