20 Sep 2015, 20:50
މޫސުމަށް ބެލުމެއް ނެތި ދަތުރު ކުރުމުން ކަނޑުމަތީގެ ހާދިސާތައް ގިނަވަމުން އަންނަ ކަމަށާއި އިހްމާލަކުން އެފަދަ ހާދިސާއެއް ހިނގާފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ޓްރާސްންޕޯޓް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަމާ ބެހޭ ފަރާތްތަކުން ކުރާ އިލްތިމާސްތަކަށް ބެލުމެއްނެތި ގިނަ ބަޔަކު ކަނޑުމަގުން ދަތުރު ކުރަމުންދާ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ ކަނޑުމަތީގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތައް ބަލައި ތަހުގީގު ކުރާނެ ކަމަށެވެ. އަދި އެކަމުގައި އިހުމާލުވާ ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ބުނެފަ އެވެ.
އޭގެތެރޭގައި ކެޕްޓަނުންގެ އިހުމާލެއް ވާނަމަ އެމީހުންގެ ލައިސެންސް ހިފެހެއްޓުން ހިމެނޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އޭގެއިތުރުން އުޅަނދުފަހަރުގެ ވެރިފަރާތާ މެދުގައި ވެސް އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
ދަތުރުފަތުރާ ބެހޭ އޮތޯރިޓީން ބުނެފައި ވަނީ ކަނޑު ދަތުރުފަތުރު ކުރުމަކީ އަބަދުވެސް ނުރައްކާތެރި ކަމަކަށް ވުމާއެކު ސަލާމަތާއި ރައްކާތެރިކަމަށް ފަރުވާ ދޭން ޖެހޭނެ ކަމަށެވެ.
މޫސުން ގޯސްވެ ކަނޑުގަދަވެފައިވާ ދުވަސްވަރެއްގައި އީދު ބަންދުގައި ކަނޑުމަގުން ގިނަ ބަޔަކު ދަތުރުކުރާނެތީ މިދިޔަ ބުދަ ދުވަހު ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިއުލާނެއް ނެެރެފަ އެވެ.
އެ އިއުލާންގައި ބުނެފައި ވަނީ މުދާ އުފުލުމަށް ހާއްސަކޮށްފައިވާ އުޅަނދުތަކުގައި ފަސިންޖަރުން ތިބޭ ސަރަހައްދުގައި ކައްކާ ގޭސްފުޅި އެހެނިހެން ބާވަތްތަކުގެ ގޭސް ސިލިންޑަރު، ސިމެންތި، ލަކުޑި، ނުރައްކާތެރި ކެމިކަލް، ޕެކްނުކޮށް ހުންނަ ރޯމަސް އަދި މިނޫން ވެސް ފަސިންޖަރުންނަށް އުނދަގޫވެދާނެފަދަ މުދަލެއް ބެހެއްޓުމަކީ މަނާ ކަމެއް ކަމަށެވެ.
އެ އިއުލާނުގައި ބުނެފައިފައި ވަނީ މާބަނޑު މީހުންގެ މައުލޫމާތު އޮޑި ހިންގާ ފަރާތުގެ އަތުގައި ހުރުން މުހިއްމު ކަމަށާއި އެކަމަށް ބޮޑު ސަމާލު ކަމެއް ދޭނެ ޖެހޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް އީދުގެ ޗުއްޓީއާ ގުޅިގެން ގިނަ އަދަދަކަށް މީހުން ކަނޑުމަގުން ދަތުރުތައް ކުރާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މާބަނޑު މީހުންގެ އިތުރުން ކުޑަކުދިންނާއި ނުކުޅުދޭ މީހުން ގޮވައިގެން ދަތުރު ކުރާނަމަ އެ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ވެސް އެ އުޅަނދު އޮޕަރޭޓު ކުރަން ތިބި ބަޔަކަށް އެނގެން ޖެހޭނެ ކަމަށެވެ.
މީހުން އުފުލާއިރު އުޅަނދުގައި އިތުރު ޑެގު އަޅައިގެން މީހުން އުފުލާނަމަ ސްޓެބިލިޓީ ކަލްކިއުލޭޝަން ހަދައިގެން ހުއްދަ ހޯދަންޖެހޭނެ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުންޏެވެ. އެ އޮތޯރިޓީގެ ހުއްދައަކާ ނުލައި ގިނަ ތައްޓު ހުންނަ އުޅަނދުގައި ދަތުރު ކުރާނަމަ މީހުން ބައި ތިއްބަން ޖެހޭނީ އެންމެ މަތީ ތައްޓުގައި ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
އެ އޮތޯރިޓީން ބުނީ މީހުން އުފުލާ އުޅަނދުތަކުގައި މީހުންނާއި ލަގެޖު ފިޔަވާ އެހެން އެއްވެސް ޒާތެއްގެ މުދަލެއް އުފުލުމަކީ މަނާ ކަމެއް ކަމަށެވެ. އެގޮތުން އުޅަނދުތަކުން މީހުންނަށް ޖާގަ ދޫކުރަން ވާނީ ދަތުރުގެ ދިގު މިންބަލާ ފަސިންޖަރުންނަށް އެދެވިގެންވާ ތަނެއްގައި ކަމަށް އޮތޯރިޓީން ބުންޏެވެ.