"ކުޅިވަރަކީ މޮޅުވުމާއި ދެރަވުމެވެ. ކޮންމެ މޮޅަކަށްފަހު ބައްޔެއް ތަޖުރިބާ ކުރަން ޖެހޭނެ އެވެ."

މިއީ ވަރަށް ގިނައިން ކުޅިވަރުގެ މައިދާން ތަކުން އިވޭ އަޑެކެވެ. ހަގީގަތުގައި އެކަން ހިނގަމުންދަނީވެސް އެހެންނެވެ. މެޗުތަކަކުން މޮޅުވުމަށްފަހު ދެން އޮންނަނީ ބަލިވާ މެޗުތަކެވެ. ނުވަތަ މެޗެކެވެ. އެހެންކަމުން މިކަން މިއީ އެއްވެސް ޓީމަކަށް މައްސަލައެއްވެސް ނޫނެވެ. ނަމަވެސް ޕޮލިސް ކްލަބްގެ އަންހެން ޓީމުގައި މިހާރު ތިބި ގިނަ ކުޅުންތެރިންނަށް ފަހަރުގައި މިބަހާ އެއްބަސްވާން އެހާ ފަސޭހަވެސް ނުވެދާނެ އެވެ. ސަބަބަކީ އެއްވެސް މެޗަކުން ބަލިނުވެ އެމީހުން ކުޅެމުން އަންނަތާ މިހާރު 4 އަހަރުވީ އެވެ.
2004
ވަނަ އަހަރު ޕޮލިހުގެ ނަމުގައި ވަކި މުއައްސަސާއެއް އުފެދި އެންމެ ފުރަތަމަ ކުޅެން ފެށި ކުޅިވަރުތަކުގެ ތެރޭގައި ވޮލީ ހިމެނެއެވެ. 2005 ވަނަ އަހަރުގެ ވޮލީ މުބާރާތްތަކަށް ޕޮލިހުން އަންހެން ޓީމެއް ނެރުނު ގޮތަށް މެދުކެނޑުމެއް ނެތި އަދިވެސް އަންނަނީ ވާދަކުރަމުންނެވެ. ޕޮލިހުގެ އަންހެން ޓީމަކީ މިހާރު ވޮލީގައި އޮތް އެންމެ ގިނަ ދުވަސްވީ ނަންވެސް މެއެވެ. ނަމަވެސް ފަށައިގަތްއިރު އެއީ ހަމަ ވަރަށް އާދައިގެ ޓީމެކެވެ.
އެއަހަރުގެ ޤައުމީ ވޮލީ މުބާރާތް ހުޅުވަން ކުރީ އަހަރުގެ ޗެމްޕިއަން ހިރިޔާ އާއި ދެކޮޅަށް ނުކުންނަން ޖެހުނީ ޕޮލިހަށެވެ. އެމެޗުގެ ކުރިން ކޯޗު މުހައްމަދު ނަދީމް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

"ހިރިޔާ އަކީ ޗެމްޕިއަން ޓީމު. އަހަރުމެންނާ އަޅާބަލާއިރު އެމީހުން މާ ވަރުގަދަ. އެހެންވެ އެޓީމާ ދެކޮޅަށް ޕޮއިންޓެއް ލިބުނަސް އެއީ ބޮޑު ކާމިޔާބީއެއް." ނަދީމް މީޑިއާއަށް ދިން އިންޓަވިއުއެއްގައި މީގެ 6 އަހަރު ކުރިން ބުނެފައިވެއެވެ.

ނަމަވެސް މިއީ އެދުވަހެއް ނޫނެވެ. އޭގެ ފަހުން ދުވަހެއް ދުވަހަކަށް ޕޮލިސް އައީ ވަރުގަދަވަމުންނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ވަރުގަދަ ކުރަމުންނެވެ. ނަތީޖާއަކަށްވީ ޖެހިގެން އައި 2006 ވަނަ އަހަރު ދެ މުބާރާތުންވެސް 2 ވަނަ ހޯދުމެވެ.

ޕޮލިހުގެ ވިދުން ގަދަވާން ފަށާ މިހާރު މިފެންނަވަރުގެ ވަރުގަދަ ޓީމެއް ފެންނަން ފެށީ 2007 ވަނަ އަހަރު އެވެ. އެއަހަރުގެ އެސޯސިއޭޝަންކަޕާއި ޤައުމީ މުބާރާތް ހޯދި ގޮތަށް އެ ޓީމު އެއްވެސް މުބާރާތެއް ގެއްލުވައެއް ނުލައެވެ. 2007ން ފެށިގެން މިއަދާ ހަމައަށް އަންހެން ވޮލީގައި ކްލަބް ތަކަށް ހުޅުވާލައިގެން ކުޅެވުނު ހުރިހާ ތައްޓެއް ހުރީ ޕޮލިސް ކްލަބްގެ ހަރުގަނޑުގައެވެ. އެއީ އެސޯސިއޭޝަންކަޕްގެ 4 ތައްޓާއި ގައުމީ 4 ތަށީގެ އިތުރުން ޕްރެޒިޑެންޓްސްކަޕްގެ 2 ތައްޓެވެ. މީގެ ތެރެއިން ޤައުމީ 3 ތަށި ޕޮލިސް ގެނައީ ރާއްޖޭގެ 3 ކަންކޮޅަކަށް ދަތުރުކޮށް އެތަނުގެ ޓީމުތައް ބަލިކޮށްފައެވެ. ތަށިތަކަށްވުރެވެސް ބޮޑަށް ގިނަ ބަޔަކު ޝައުގުވެރިވަނީ އެމީހުން ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑާ މެދުގައެވެ. ޕޮލިހުގެ އަންހެން ވޮލީ ޓީމު އެންމެ ފަހުން ބައްޔެއް ތަޖުރިބާކުރީ 2007 ވަނަ އަހަރުގެ އެސޯސިއޭޝަންކަޕްގައި ހިރިޔާ އާއި ކުޅެއެވެ. ނަމަވެސް ފައިނަލުގައި ހިރިޔާ ބަލިކޮށް ތަށި އުފުލާލިއެވެ. އޭގެ ފަހުން އެޓީމުގެ ކުޅުންތެރިންނަށް ބައްޔަކީ ކޮންއެއްޗެއް ކަމެއް އަދި ކިހިނެތްވާ އެއްޗެއްކަމެއްވެސް ޕޮލިހުގެ ޖާޒީލުމަށްފަހު އެނގިފައެއް ނެތެވެ.

2008،2009 އަދި 2010ގެ ހުރިހާ މުބާރާތެއް އެޓީމު ނިންމާލީ އިދިކޮޅު ޓީމަށް އުފާކޮށްލާނެ ފުރުސަތެއްވެސް ނުދީ އެވެ. އަދި މީގެ ތެރެއިން ގިނަ މުބާރާތް އެޓީމުން ނިންމާލާފައިވަނީ އިދިކޮޅަށް ކުޅުނު ޓީމުތަކަށް ސެޓެއްވެސް ނުދީ އެވެ. ޕޮލިހުގެ އަންހެން ވޮލީ ޓީމު އެހާވެސް ވަރުގަދަ އެވެ.
ޕޮލިހުގެ އަންހެން ޓީމު މުބާރާތްތަކުގައި ވާދަކުރަން ފެށީއްސުރެ ކޯޗުކަން ކުރަމުންދާ މުހައްމަދު ނަދީމް ބުނީ ޓީމުގެ ކާމިޔާބީގެ އެންމެ މައިގަނޑު ސިއްރަކީ ޓީމު ވޯކް ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"މިޓީމަކީ އެކުގައި ކުޅޭތާ ގިނަ ދުވަސްވީ ޓީމެއް. އަނެއްކޮޅުން މެޗު ފަށައިގެން ނިމެންދެން އެއްވަރެއްގައި ހިތްވަރު ކުރާނެ. ކާމިޔާބަކަށް އެންމެ މުހިއްމު ދެކަމަކީ އެއީ." ނަދީމް ބުންޏެވެ.

ނަމަވެސް ޕޮލިހުގެ އަންހެން ޓީމު ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑަށް ނިމުން އަތުވެދާނެ ކަމުގެ ރަތްބޮކި ނިމިގެން ދިޔަ ޕްރެޒިޑެންޓްސްކަޕްގައި އެޓީމުގެ ކަންފަތުގައި ވަނީ އެލާމް އަޅަން ފަށާފައެވެ. ފައިނަލުގައި ކުޅުނު ނީލް ދެމެޗުންވެސް ބަލިވީ 5 ސެޓް ކުޅެގެންނެވެ. މިއީ މިދިޔަ 4 އަހަރުގެ ތެރޭގައި ޕޮލިހަށް އެންމެ އުނދަގުލުން ހޯދުނު މުބާރާތެވެ. އެކަމަށް ނަދީމްވެސް އެއްބަސްވެއެވެ.

"ހަމަ ހަގީގަތުގައިވެސް މިފަހަރަކީ އުނދަގޫ ފަހަރެއް. މިިދިޔަ ހުރިހާ އަހަރުތަކަށްވުރެ މިފަހަރު ޓީމު ބަލި. އެންމެ ބޮޑު މައްސަލައަކީ ޓީމު ބެލެންސް ނުވުން. ޑިފެންސަށް ކުޅެމުން އައި މުހިއްމު ކުޅުންތެރިންތައް ނެތީމަ އެބައި ވަރަށް ދަށްކޮށް ފެނުނީ. ހަގީގަތުގައި ޕޮލިހަކީ އަބަދުވެސް ޑިފެންސް މޮޅު ޓީމެއް." ނަދީމް ބުންޏެވެ.
ނަދީމް ބުނީ މިފަހަރުގެ މުބާރާތުގެ ފެވަރިޓަކީވެސް އެޓީމު ނޫން ކަމަށާއި އެކަން ކުޅުންތެރިންނަށްވެސް ވިސްނައިދެމުން ދިޔަ ކަމަށެވެ. "ކުރިން ކުޅުންތެރިން ގާތުގައި ނުބުނާކަހަލަ ވާހަކަތަކެއް މިފަހަރު ދައްކަން ޖެހުނު. އަހަރެން ބުނިން މިފަހަރު މި ޓީމަކީ ކުޅުންތެރިންގެ ފެންވަރާ ތަޖުރިބާއަށް ބަލާއިރު މުބާރާތުގައި ވާދަކުރާ 2 ނޫނީ 3 ވަނަ ޓީމޭ. ނަމަވެސް މަސައްކަތްކޮށްފިއްޔާ ތަށި ހޯދޭހާ ފެންވަރުވެސް އެބަހުއްޓޭ."
ޕޮލިސް ހޯދި 10 ތަށީގެ ތެރެއިން 2 ތަށި ފިޔަވާ ހުރިހާ ތައްޓެއް ހޯދުމަށް އިރުޝާދުދިން ނަދީމް ބުންޏެވެ. ނަދީމް ނުލާ ޕޮލިސް ހޯދީ 2009ގެ ގައުމީ މުބާރާތާއި އެސޯސިއޭޝަންކަޕެވެ. އެއަހަރު ނަދީމް ހޭދަކުރީ ޕޮލިހުގެ ކޯހެއްގައި ރާއްޖޭން ބޭރުގައެވެ. ގައުމީ މުބާރާތް އިބްރާހީމް ރަޝީދު(ސަަތޯ)ގެ ކޯޗުކަމުގައި ހޯދިއިރު އެސޯސިއޭޝަންކަޕްގައި ކޯޗަކަށް ހުރީ އިސްމާއީލް ޖިނާޒެވެ.

ނަދީމް ބުނީ މިފަހަރުގެ މުބާރާތް ޕޮޮލިސް ބަލިކޮށް ނީލް ގެންދިޔަ ނަމަވެސް ކުޑަކޮށްވެސް ހައިރާން ނުވީސް ކަމަށެވެ. "އަސްލު މި ޓީމުގައި މިފަހަރު ތިބީ ވަރަށް މޮޅު 3 ކުޅުންތެރިންނާއި މެދުމިނުގެ ކުޅުންތެރިއަކާއި އިދިކޮޅަށް ކުޅުނު ނީލްގައި ތިބި ކުޅުންތެރިންނަށްވުރެވެސް އާދައިގެ 2 ކުޅުންތެރިން. އެހެންވެ ޕްރެޝަރ ގަޑީގަ ގޯސްތައް ހެދޭލެއް ގިނަވީ. އެކަމަކު އާ ކުޅުންތެރިންނާ ބަލާއިރު އެމީހުންގެ ކުޅުން ވަރަށް ރަނގަޅު"
ނަދީމްވެސް އެއްބަސްވާ ކަމަކީ ބަލިނުވެ ހިފަހައްޓަމުން އަންނަ ރެކޯޑަށް ނިމުން އަަންނާނެ ކަމެވެ. ނޭގެނީ އެއީ ކޮން ވަގުތަކު ކަމެވެ.

"އަސްލު ބަލިނުވެ މިހާ ދުވަހު ކުޅުމަކީ ބޮޑު ޕްރެޝަރެއް. އަނެއްކޮޅުން އެހެން ކުޅުންތެރިންވެސް މޮޅުވަމުން އެ އަންނަނީ. އެޓީމުތަކުގެ ސީދާ މަގްސަދަކަށްވާނީވެސް ޕޮލިސް ބަލިކުރުން. އެހެންވެ މިހާރު މިކުޅޭ ވޮލީ އާއި ތަފާތު ވޮލީއަކަށްދެން ދާން ޖެހޭނީ. އެގޮތަށް ދެން މަސައްކަތް ކުރާނީ." ނަދީމް ބުންޏެވެ.

ޕޮލިހުގެ އަންހެން ޓީމަކީ މިއަދު ރާއްޖޭގެ ކުޅިވަރުގެ މައިދާނުން ފެންނަ އެންމެ ކާމިޔާބު ޓީމެވެ. ބަލިނުވެ އެންމެ ގިނަ ދުވަހު ރެކޯޑް ހިފެހެއްޓި ޓީމުވެސް މެއެވެ. ނަމަވެސް އެ ދުވަހަށްވެސް ނިމުން އަންނާނެ އެވެ. އެކަމަކު ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ އެ ޓީމުން ކުރިވަރުގެ ހިތްވަރެއް އަންހެން ޓީމަކަށް މިހާތަނަށް ކޯޓުމަތީގައި ކުރެވިފައެއް ނެތެވެ. އެހުރިހާ ތައްޓެއް ޕޮލިހުގެ ރެކް ތެރޭގައި އެހުރީ ކުޅުންތެރިން އޮށްދާ ހިއްލައިގެން ކުރި ބުރަ މަސައްކަތުންނެވެ. އެކަމަށްޓަކާ އެޓީމަށް ތައުރީފު ހައްގެވެ.