އިނގިރޭސި ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހު ޗެލްސީއާ އާސެނަލް ބައްދަލުކޮށް، އާސެން ވެންގާގެ މައްޗަށް ހޯޒޭ މޮރީނިއޯ އަނެއްކާވެސް އިތުރު ކާމިޔާބީއެއް ހޯދި ފޯރިގަދަ ލަންޑަން ޑާބީ މެޗަށް ފަހު، ވެންގާ ދެއްކި ވާހަކަތަށް ރައްދުދެމުން، އާސެނަލް އަކީ އަބަދުވެސް ޝަކުވާކޮށް ބޮޑާ ހާކާ ބައެއްގެ ގޮތުގައި މޮރީނިއޯ ސިފަކޮށްފި އެވެ.

އިއްޔެގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވެންގާ ވަނީ، އެޓީމުގެ ޑިފެންޑަރު ގަބްރިއެލް ޕައުލިސްޓާ އާއި މިޑްފީލްޑަރު ސަންޓި ކަޒޯލާއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުގެ ކުރިން ޗެލްސީގެ ފޯވާޑް ޑިއެގޯ ކޮސްޓާއަށް ރަތްކާޑު ދައްކަން ޖެހޭ ކަމަށްބުނެ އެ މެޗުގެ ރެފްރީ މައިކް ޑީންއަށް ހޫނު ހަމަލާތަކެއް ރައްދުކޮށްފައެވެ.

އެ މެޗުގައި ކޮސްޓާގެ ފަރާތުން ފެނުނީ ބަލައިގަނެވޭނެ ކަންތައްތަކެއް ނޫންކަމަށް ވެންގާ ބުނި ނަމަވެސް މޮރީނިއޯ ވަނީ 2-0 އިން އާސެނަލް ބަލިވި އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ކޮސްޓާ ކަމަށް ބުނެފައެވެ.

"މީގަ ކޮބާ ދެބަސްވާންޖެހޭ ކަމެއް؟ އަހަންނަށް މީގަ ނެތް ދެބަސްވާން ޖެހޭ ކަމެއް. މި މެޗަކީ ޓެކްނިކަލް، ޓެކްޓިކަލް ފިޒިކަލް އަދި ޖަޒްބާތީ ތާފަތު އެތަކެއް ކަމެއް ފެނިގެން ދިޔަ މެޗެއް. އާންމު ގޮތެއްގައި އެންމެ ރަނަގަޅަށް ކުޅޭ ބަޔަކު މޮޅުވަނީ. މި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ އަހަރެމެން،" މެޗާ ބެހޭގޮތުން ވާހަކަދައްކަމުން މޮރީނިއޯ ބުންޏެވެ.

"އަހަރެމެން މެޗު ޑޮމިނޭޓްކޮށް، މެޗު ކޮންޓްރޯލް ކުރީ. ދެފުއްކެހެރި ނުވެ ހަގީގަތަށް ވާހަކަދައްކާ ނަމަ އެއް ކުޅުންތެރިއަކު އިތުރަށް ހުރީމަ މެޗު ކުޅެން ފަސޭހަވާނެ."

ގެބްރިއެލްއަށް ރަތްކާޑު ދެއްކީ ޑިއެގޯ ކޮސްޓާއާ ދެމެދު ހިނގި ޒުވާބެއްގައި ކޮސްޓާއަށް ގެބްރިއެލް ހަމަލާދިނުމުންނެވެ. އަދި އެ މެޗުގެ ފަހު ހާފުގައި އާސެނަލްގެ ސަންޓި ކަޒޯލާއަށް ވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ރަތްކާޑު ދައްކައިފައެވެ.

މޮރީނިއޯ ބުނީ، އެ މެޗުގައި ރެފްރީއަކަށް ހުރީ އެކަކު ކަމަށާއި، ޗެލްސީއަށް ޕެނަލްޓީ ދޭންޖެހޭ ވަރަށް ސާފު ދެ ހާލަތެއްގައި ޕެނަލްޓީ ނުދޭން ނިންމީ ވެސް ހަމަ އެ ރެފްރީ ކަމަށެއެވެ.

ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހު 2-0 އިން ޗެލްސީ އަތުން އާސެނަލް ބަލިވި މެޗުގައި ޑިއެގޯ ކޮސްޓާއާ ގަބްރިއެލް ޕައުލިސްޓާ ޒުވާބުކުރަނީ -- ފޮޓޯ: އީއެސްޕީއެން

"އެޑެން ހަޒާޑަށް ގަބްރިއެލް ކުރި ފައުލަކީ ފުޓްބޯޅައިގައި ގަބޫލުކުރެވޭނޭ ކަމެއް ނޫން، އެކަމަކު ރަގްބީ ގޭމެއް ނަމަ އެއީ ހަމަ ވަރަށް މޮޅުކަމެއް. އެކަމަކު އެފަދަ ފައުލަކަށް ފުޓްބޯޅައިގައި ޕެނަލްޓީ ދޭންޖެހޭ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ އާސެނަލްއާ ދެކޮޅަށް އޭނާ މިހާތަނަށް 15 މެޗު ކުޅެފައިވާއިރު އޭގެ ތެރޭން އާސެނަލް އެގޮތަށް ބޮޑާ ނުހާކައި ޝަކުވާ ނުކޮށް ދިޔައީ އެންމެ މެޗެއް ކަމަށެވެ.

"އެދުވަހު އަހަރެމެން ބަލިވީ، އަހަރެމެންނަށް ތަށި ގެއްލުނީ. އަހަރެމެން ނޫޅެން އެފާޑަކަށް. އެކަމަކު އެމީހުން ޝަކުވާ ނުކޮށް ދިޔައީ އެންމެ ދުވަހެއް. އެ ވެދާނެ އެމީހުން މެޗުން މޮޅުވުމުން ކަމަށް އެފަހަރު ޝަކުވާ ނުކުރީ. އެނޫން ހުރިހާ މެޗަކަށް ފަހުވެސް އެފަދަ ޝަކުވާތަކެއް އެމީހުން ކުރާނެ،" މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅޭ ގޮތުން އާސެނަލްގެ ކޯޗު ވެންގާ ދެއްކި ވާހަކަތަކަށް ރައްދުދެމުން މޮރީނިއޯ ބުންޏެވެ.

"އަހަރެން މެޗަކުން ބަލިވުމުން އެކަން އަހަރެން ގަބޫލުކުރަން ޖެހޭ. ހަމަ އެގޮތަށް އޭނަ [ވެންގާ] ވެސް ބަލިވުމުން ބަލި ގަބޫލުކުރަން ޖެހޭ."

"ކޮންމެ ފަހަރަކު މޮޅެއް ނުވާނެ، އެފަދަ ހާލަތްތަކުގައި އަހަރެން ޖަޒްބާތު ކޮންޓްރޯލްކުރަން. އެއީ ކުޅިވަރުގެ އާދަ،" އޭނާ ވަނީ އިންގްލޭންޑުގެ އިތުރުން ޕޯޗްގަލް، ސްޕެއިން އަދި އިޓަލީގައި ވެސް ޑާބީ މެޗުތަކުގެ ތަޖްރިބާތައް ކޮށްފައިކަން ފާހަގަކުރަމުން މޮރީނިއޯ ބުންޏެވެ.

ވެންގާއާ މޮރީނިއޯ މިހާތަނަށް 15 ފަހަރަކު ކުރިމަތިލާފައި ވާއިރު، އޭގެ ތެރެއިން މޮރީނިއޯގެ މައްޗަށް ވެންގާއަށް ކާމިޔާބު ހޯދިފައި ވަނީ، މި ސީޒަންގެ ކޮމިއުނިޓީ ޝީލްޑް މެޗުން އެކަންޏެވެ. އެ މެޗުން އާސެނަލް މޮޅުވީ 1-0 އިންނެވެ.

ސްޓެންފޯޑް ބްރިޖްގައި އިއްޔެ އާސެނަލްގެ މައްޗަށް ހޯދި ކާމިޔާބާއެކު ޕްރިމިއަ ލީގު ތާވަލުގައި ޗެލްސީ ވަނީ ހަތް ޕޮއިންޓާއެކު 13 ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އެ މެޗާއެކު އާސެނަލް ވަނީ 10 ޕޮއިންޓައެކު ފަސްވަނައަށް ވެއްޓިފައެވެ.