20 Sep 2015, 17:08
ދިމިޝްގު (ސެޕްޓެމްބަރު 21): އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތްފަދަ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ސޫރިޔާ ސިފައިން ކުރަމުން ގެންދާ ހަނގުރާމައިގައި ރަޝިޔާ ބައިވެރިވެއްޖެ ކަމަށާއި މިކަމުގެ ސަަބަބުން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މަލަމަތި ބަދަލުވެގެންދާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވަލީދް އަލްމުއައްލިމް ވިދާޅުވެއްޖެ އެވެ.
ރަޝިޔާގެ އާރުޓީ ޓީވީ ނެޓްވޯކަށް ދެއްވި ބަސްދީގަތުމެއްގައި މުއައްލިމް ވިދާޅުވީ ރަޝިޔާ ސިފައިން ޓެކްނޮލޮޖީގެ ގޮތުން ސޫރިޔާ ސިފައިންގެ އަތުގައި ހިފުމުން ސޫރިޔާއާ ދެކޮޅަށް ނުބައިރޭވުންތައް ރާވަމުން ގެންދާ ގައުމުތަކަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމުގައެވެ. މުއައްލިމް ވިދާޅުވީ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތާ ދެކޮޅަށް ކަމަށްބުނެ އެމެރިކާ ކުރަމުން ގެންދަނީ ސްޓްރެޓެޖީއެއް އަދި ލަނޑުދަނޑިއެއް ނެތް ބޭކާރު ހަނގުރާމައެއް ކަމަށާއި އެއީ ނަތީޖާ ނުފެންނަ ހަނގުރާމައެއް ކަމުގައެވެ.
ނަމަވެސް ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ރަޝިޔާ ސީދާ ގޮތެއްގައި ބައިވެރިވުމުން ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް މުޢައްލިމް ވިދާޅުވިއެވެ.
ސޫރިޔާ ސަރުކާރު ބުނާ ގޮތުން އެގައުމުގައި ސޫރިޔާގައި ހަރަކާތްތެެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ރަޝިޔާ ބައިވެރި ވަނީ ޒަމާނީ ހަތިޔާރާއި ޖާސޫސީ މައުލޫމާތާ އަދި އަސްކަރީ ތަޖްރިބާކާރުން ސޫރިޔާއަށް ފޮނުވައިގެންނެވެ. އަދި ސޫރިޔާ ސަރުކާރު ބޭނުންވެއްޖެ ހާލަތެއްގައި ރަޝިޔާގެ ސިފައިންގެ ސީދާ އެހީތެރިކަމަށް އެދޭނެކަމަށްވެސްް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސޫރިޔާ ސިފައިންގެ ސަފުތަކުގައި ރަޝިޔާ ސިފައިން ހަނގުރާމަ ނުކުރާ ކަމަށް ސޫރިޔާގެ އަސްކަރީ ދާއިރާތަކުން ބުނެއެވެ.
ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންނާއި އެމެރިކާއިން ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މިފަހަކަށް އައިސް ރަޝިޔާ ސިފައިން ސީދާ ގޮތެއްގައި ހަރަކާތްތެރިވަމުންދާކަމަށް ބުނެފައެވެ. އަދި ކުރިން ސޫރިޔާގެ ހަނގުރާމައިގެ މައިދާނުން ނުފެންނަ ރަޝިޔާގެ ޒަމާނީ ޓެކްނޮލޮޖީގެ އެތަށް ހަތިޔާރުތަކެއް މިހާރަކަށް އައިސް ސޫރިޔާ އިން ފެންނަން ފަށާފައިވާކަން ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންނާއި އެމެރިކާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ސޫރިޔާގެ އަސްކަރީ ދާއިރާތަކުން ވެސް ވަނީ ރަޝިޔާއިން އުފައްދާ ޒަމާނީ ހަތިޔާރު ސޫރިޔާ ސިފައިން މިހާރު ބޭނުން ކުރަމުން ގެންދާކަން ޔަގީންކޮށްދީފަ އެވެ.
ރަޝިޔާގެ ޒަމާނީ ހަތިޔާރު ސޫރިޔާ ސިފައިންނަށް ފޯރުކޮށްދޭ މައްސަލަ ދިފާޢު ކުރަައްވައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ހޮނިހިރު ދުވަހު ވިދާޅުވީ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތަކުގެ އަތްދަށަށް ސޫރިޔާ ސަރުކާރު ވެއްޓިގެންދިޔުމަކީ ސޫރިޔާގެ ދައުލަތް ރޫޅިގެން މެދުއިރުމަތީގެ މުޅި ސަރަހައްދަށް ޚިޔާލަށް ނުގެނެވޭވަރުގެ ކާރިސާއެއް އަންނާނެކަމެއްކަމުގައެވެ. ރަޝިޔާގެ އެންމެ ފަހުގެ ހަތިޔާރުތައް ސޫރިޔާ ސިފައިންނަށް ފޯރުކޮށްދެނީ މިކަން މިގޮތަށް ވިޔަ ނުދިނުމަށްޓަކައި ކަމަށް ލާވްރޯވް ވިދާޅުވިއެވެ.
އަނެއްކޮޅުން އެމެރިކާވަނީ ރައީސް ބައްޝާރުލްއަސަދު ވެރިކަމުގައި ހުންނެވުމާމެދު އެމެރިކާ މިހާތަނަށް ދައްކަމުން ގެންދާ ވާހަކަތަކާ ތަފާތު ގޮތަކަށް ވާހަކަ ދައްކަވާފައެވެ. ސޫރިޔާގެ މައްސަލާގައި އިނގިރޭސި ޚާރިޖީ ވަޒީރު ފިލިޕް ހާމޮންޑާއެކު ކުރެއްވި މަޝްވަރާ ތަކަކަށްފަހު ކެރީ ވިދާޅުވީ ކުއްލިގޮތަކަށް ބައްޝާރު ވެރިކަމުން ދުރުކުރުމުގެބަދަލުގައި އެކަންކުރާނެ މުއްދަތެއް އޭނާއާ ވާހަކަދައްކައިގެން ކަނޑައެޅުމަށް އެމެރިކާ ތާއީދުކުރާކަމުގައެވެ. އަދި ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ވަންނަ މައްސަލާގައި އެމެރިކާ ހެދިދެކޮޅު ހެދުންތައް އެއްފަރާތް ކުރުމަށްފަހު އެމައްސަލާގައި ރަޝިޔާއާ ވާހަކަ ދައްކަން ނިންމާފައިވާ ކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)