20 Sep 2015, 15:43
ބޭނުންވަނީ ދިވެހި ސަޕޯޓަރުން ހިނިތުންވާފަދަ ބްރޭންޑެޑް ފުޓްބޯޅައެއް ކުޅުވުން ކަމަށާއި އެކަމަށް ބޭނުންވަނީ ކެތްތެރިކަމާއި ވަގުތު ކަމަށް ގައުމީ ޓީމްގެ އާ ކޯޗް ނިއުޒިލެންޑްގެ ރިކީ ހާބަޓް ބުނެފިއެވެ.
މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މިމަހު ރާއްޖޭގެ ކޯޗް ކަމާ ހަވާލުވި ހާބަޓް ބުނީ އޭނާގެ ބޭނުންވަނީ ވަރުގަދަ ޓީމްތަކާ ދެކޮޅަށް ކުޅެ ކުޅުންތެރިންގެ ހުނަރު އިތުރު ކުރުވަން ކަމަށާއި އެކަމަށް ކެތްތެރިކަމާއި ވަގުތު ބޭނުންވާނެ ކަމަށެވެ.
"އަހަރެންގެ ވިސްނުމަކީ ރަނގަޅު ކުރުން. އެއީ އޮކްޓޫބަރު މަހު ބޫޓާންއާ ދެކޮޅަށް ކުޅޭ މެޗްކަމުގައިވިޔަސް. ނޮވެމްބަރުގައި ކުޅެން އޮތީ ބްރެޒިލްއާ ދެކޮޅަށް ކަމަށްވިޔަސް އަހަރެން ބޭނުންވަނީ އަހަރެންގެ ޓީމު ރަނގަޅު ކުރުން. އަހަރެމެންގެ ސަޕޯޓަރުން ހިނިތުން ކުރުވުން. އެކަމަކު އަހަރެން ބޭނުންވަނީ ކެތްތެރިކަމާ އެކަމަށް ވަގުތު،" ހާބަޓް ބުންނެވެ.
ބޭނުންވަނީ ސަޕޯޓަރުން ހިނިތުންވާފަދަ ތަފާތު ފުޓްބޯޅައެއް ކުޅުވުން ކަމަށާއި އެގޮތުން މިހާރު ކުޅުންތެރިންގެ ހުރި ހުނަރުވެރިކަމާއި ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ ކުޅުންތެރި ދަސް ކޮށް ދެފަރާތުގެ މެދުގައި ރަނގަޅު އިތުބާރެއް އުފައްދަމުން އަންނަ ކަމަށް ކޯޗު ބުންޏެވެ.
"އަހަރެންގެ ފިލޯސަފީއަކީ ރަނގަޅު ބްރޭންޑްގެ ފުޓްބޯޅައެއް ކުޅުވުން. އެބްރޭންޑަކީ ސަޕޯޓަރުން ހިނިތުންވާނެ ފަދަ ބްރޭންޑަކަށްވުން. އަހަރެން ބޭނުމީ ދިވެހި ސަޕޯޓަރުން ޓީމާމެދު ހިނިތުންވުން އަހަރެން ބޭނުންވަނީ ސަޕޯޓަރުންނަށް ތަފާތު ފެނިގެންދިއުން،" ހާބަޓް ބުންޏެވެ.
ހާބަޓް ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ޓެކްނިކަލީ ހުނަރު އެބަހުރިކަމަށާއި އަދި އެޓޭކިން ފުޓްބޯޅައެއް ކުޅުމުގެ ހުނަރުވެސް ކުޅުންތެރިންގެ ކިބައިގައި އެބަހުރިކަމަށެވެ.
އެޓޭކިން ފުޓްބޯޅައެއް ކުޅުމަށް ކުޅުމުގެ ސްޓައިލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އޭނަ ހުރީ ރާއްޖެ ފުޓްބޯޅައިގެ ކުރިއެރުމަށް ދޭންޖެހޭ ހިއްވަރެއްދޭން ތައްޔާރަށް ކަމަށް ވެސް ކޯޗު ބުންޏެވެ.
މުބާރާތަކަށް ތައްޔާރުވާއިރު ދިވެހި ކުޅުންތެރިންގެ ކިބައިގައި ފިޒިކަލީ ގޮތުން ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރިކަމަށް ވެސް ގައުމީ ފުޓުބޯޅަ ޓީމްގެ ކޯޗު ބުންޏެވެ.