20 Sep 2015, 15:49
މިދުވަސްކޮޅު ރާއްޖޭއަށް ކުރާ ވިއްސާރާއިގައި މޫސުން ގޯސްވުމާ ގުޅިގެން ތިލަދުންމައްޗާއި ހުވަދު އަތޮޅާ ދެމެދަށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރުން ޔެލޯ އެލާޓް ނެރެފިއެވެ.
މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު އެ ސަރަހައްދުތަކަށް ގާތްގަނޑަކަށް 55 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ޔެލޯ އެލާޓުގައި ބުނާގޮތުގައި ތިލަދުން މައްޗާއި ހުވަދު އަތޮޅާ ދެމެދަށް އާދައިގެ އިރަކު ގަޑިއަކު 30 އާއި 38 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ.
ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 5:00ގެ ނިޔަލަށެވެ.
އީދު ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު އެކި ރަށްރަށް ދަތުރުކުރުމަށް ހަމަޖެހިފައިވީ ނަމަވެސް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ފުލުހުންނާއި އެމްއެންޑީއެފްއިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އީދު ބަންދަށް ރަށްރަށަށް ކަނޑުދަތުރުތަކުގައި ވަޑައިގަންނަވާ ބޭފުޅުން ސަލާމަތީކަންކަން ފުރިހަމަކޮށް އެ އުޅަދަކާ އެކަށީގެން ނުވާ ވަރަށް މުދަލާ މީހުން ނޭރުވުމަށް ޓްރާސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.