22 Mar 2011, 09:22
އޭއެފްސީ ޗެލެންޖްކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކިރުގިސްތާން އަދި ކުރީގެ މި މުބާރާތުގެ ޗެމްޕިއަން ތަޖިކިސްތާން ނަސީބަކުން ސަލާމަތްވެއްޖެ އެވެ.
މުޅި މެޗަށް ބަލާއިރު ތަޖިކިސްތާން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ލަނޑެއް ވައްދާލުމުގައި އެޓީމަކަށް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ގޯލެއް ނުޖެހި ނިމެން ދަނިކޮށް އެކަންވީ 87 ވަނަ މިނެޓްގައެވެ. ހުރަސްވި ބޯޅައެއް ބޮލުން ޖަހަން އުޅުމުގެ ތެރޭގައި ކިރުގިސްތާންގެ ކެޕްޓަން ސިޑިކޯވް އަތުން ވަން ބައިގޯލާއެކު އެޓީމު ވަރަށް ބޮޑަށް މާޔޫސްވި އެވެ.
ގޯލު ވަނުމުގެ ކުރިންނާއި ފަހުންވެސް ތަޖިކިސްތާނުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ކިރުގިސްތާންގެ ގޯލާ އަމާޒުކޮށްފައެވެ. ނަމަވެސް ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ކީޕަރެވެ.
މެޗު ފަށައިގެން މޮޅަށް ކިރުގިސްތާން ކުޅެމުން ދިޔަ ނަމަވެސް ގިނައިރުވީވީހެން މެޗުގެ ކޮންޓްރޯލު އަތުލަމުން ދިޔައީ މިގްރޫޕްގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ތަޖިކިސްތާނެވެ. ހާއްސަކޮށް ފަހުހާފުގައި މުޅިން ކަހަލަ ގޮތަކަށް ފެނުނީ އެޓީމުގެ ނުރައްކާތެރި ކުޅުމެވެ.
މުބާރާތުގެ މެޗުތައް ދެން އޮންނާނީ މާދަމާ އެވެ. ހަވީރު ރާއްޖެ އާއި ކިރުގިސްތާން ކުޅޭއިރު ރޭގަނޑު ކުޅޭނީ ތަޖިކިސްތާނާއި ކެމްބޯޑިއާ އެވެ.